އަމީނިއްޔާ ސްކޫލް

އަމީނިއްޔާއަށް 78 އަހަރު ފުރުމާއެކު މުއައްޒަފުންގެ އަގުވަޒަންކޮށްފި

އަމީނިއްޔާ ސުކޫލަށް 78 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސުކޫލަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުއައްޒަފުންގެ އަގުވަޒަންކޮށް ސެޓްފިކެޓު ދީފި އެވެ.

އެ ސުކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި 10 މުއައްޒަފަކަށް ވަނީ ހިދުމަތުގެ ސެޓްފިކެޓު ހަވާލުކޮށްފައެވެ. މި ސެޓްފިކެޓުތައް ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

މި ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތް އެޑިއުކޭޝަން މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އަދި ވަފާ ވަހީދަކީ ކުރިން އަމީނިއްޔާ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމު އަދާ ކުރެއްވި ބޭފުޅުން ނެވެ.

އަމީނިއްޔާ ސުކޫލަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ޓީޗަރުންނާއި މަސައްކަތު މީހުންގެ ތެރޭގައި 32 އަހަރާއި 31 އަހަރަށް ހިދުމަތްކުރި މީހުން ވެސް ހިމެނެ އެވެ.