މޯލްޑިވްސް އިމިގްރޭޝަންގެ އިސް ނެގުމެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ބޯޑާ މައިލްސް" ޕްރިވިލެޖް ޕްރޮގްރާމްގައި އެއްމިލިއަން ފަތުރުވެރިން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގެ ބޯޑަރު ހުރަސް ކުރާ ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްރިވިލެޖް ޕްރޮގްރާމް ތައާރަފު ކުރީ ސެޕްޓެމްބަރު 2020 ގައެވެ. އޭގެފަހުން މިހާތަނަށް އެއްމިލިއަން ފަތުރުވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަން މުހައްމަދު އަހުމަދު ހުސައިން މިއަދު ވަނީ ވިދާޅުވެފަ އެވެ.
ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު އަވަސް އަށް ވިދާޅުވީ މިއީ މުޅި ދުނިޔޭގައި ވެސް ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމް ކަމަށާއި މި ޕްރޮގްރާމަށް މިހާ ބޮޑު ތަރުހީބެއް ލިބުމަކީ ލިބުނު ކާމިޔާބީއެއް ކަމުގައެވެ.
"އެއް މިލިއަން އަށް ރީޗްވުމަކީ މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމުގެ ހެއްކެއް،" މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
ޕްރޮގްރާމްގައި އެއް މިލިއަން ފަތުރުވެރިން ބައިވެރިވެފައިވާއިރު ޕްރޮގްރާމް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ތައާރަފު ކުރީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުމާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށާއި ރާއްޖޭގެ ޓޫރިޒަމް އިތުރު ގޮތަކަށް ތަރައްގީކުރުމުގެ ބޭނުމުގައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަތުރުވެރިއަކަށްވެސް އޮންނާނެ އެވެ. އެކި މުނާސަބަތުތަކާއި ގުޅިގެން އަންނަ ފަތުރުވެރިންނަށް އެކި މިންވަރަށް ޕޮއިންޓް ލިބޭ މި ޕްރޮގްރާމުގައި ތިން ޕެކޭޖު ހިމެނެ އެވެ. އެއީ ބްރޯންޒް ޕެކޭޖާއި ސިލްވާ ޕެކޭޖާއި ގޯލްޑް ޕެކޭޖެވެ. ހާއްސަ ފައިދާތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ. މިސާލަކަށް ގޯލްޑް ޕެކޭޖުގެ ފަތުރުވެރިންނަށް ވީއައިޕީ ހިދުމަތް ލިބެއެވެ.
ބޯޑާ މައިލްސްގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ ތެރޭގައި ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި އެކްސްކާޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ވެސް ހިމެނެ އެވެ.