ޖިނާއީ ކުށް ކުރުމުގައި ކުޑަކުދިން ބޭނުން ކުރުމަކީ ކުށެއް ކަމުގައި ހަދާ އެކުށަށް ދައުވާ ކުރަން ފަށައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހު އައްޑޫ ސިޓީގައި ވަޅިން ހަމަލާދީ މަރާލި މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅިއިރު ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ދައުވާ ވެސް ވާނީ އުފުލާފައި ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމަކީ ގާނުނީ ކުށެކެވެ. ހަމަ އެމާއްދާގައި، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓް ކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ވެސް ކުށެއް ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
"މިމައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 8 ދައުވާއެއް ވަކިވަކިން، ހެއްކާއެކު އެބަ ހުށަހަޅަމެވެ. އެއިން ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ އެވެ. އެދައުވާތަކަށް ޖުމްލަ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ބާކީ ހުރި މީހާގެ މައްޗަށްވެސް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް ވަކިވަކިން އެބަ ހުށަހަޅަމެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޒަޔާން މަރާލި މައްސަލައިގެ ތެރެއިން ކަށަވަރުވެގެންދަނީ ކުޑަކުދިން ލައްވާ ކުށް ކުރުވުމަށްފަހު ދިފާއުގައި ހެކި އުފެއްދޭ ގޮތަށް ހަރަކާތްތައް ހިންގާފައިވާ ކަމެވެ.
"އެކުދިން ލައްވާ ކުށްކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި ވަކި ރޭވުމެއްގެ ތެރެއިން ކުށުގެ މާހައުލު ނޫން އެހެން ތަނެއްގައި އުޅެ އެތަނުގައި އުޅުނުކަން އެކި މީސްމީހުންނަށް އެންގުމަށް މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކޮށްފައިވެ އެވެ. އެމީހުން އެކަން ކުރީ އެގޮތަށްކަން އެބޭނުމުގައި ކަން ތަހުގީގަށް އޮތީ ހޯދިފައި" ޝަމީމް ލިޔުއްވާފައިވެ އެވެ.
ޒަޔާން މަރާލި މައްސަލަ އަކީ ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދައުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލަ އެވެ.
"މިއީ އަދި ފެށުމެކެވެ. ކުށްކުރާ ޖަމާއަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި ނުވަތަ އެނޫން ރަށެއްގައި ވިޔަސް ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ އެކަމަށް ވަކިން ދައުވާ ކުރެވޭނެ އެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ." ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޝަރީއަތްތައް ހުއްޓާނުލައި ކުރިއަށް ގެންގޮސްގެން ނަމަވެސް މި މައްސަލަ އަވަހަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިމަގަށް މަސައްކަތް ކޮށްދެއްވުން އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމުގައިވެސް ޝަމީމް ވިދާޅުވި އެވެ.