އަޔަކްސް އަށް ކުޅޭ ހުނަރުވެރި ކުޅުންތެރިޔާ، މުހައްމަދު ކުޑޫސް ޖެހި ދެ ގޯލާ އެކު ފީފާ ވޯލްޑް ކަޕްގައި މިރޭ ގާނާ އިން 3-2 އިން ދެކުނު ކޮރެއާ ބަލިކޮށްފި އެވެ.
22 އަހަރުގެ ކުޑޫސް އަންނަނީ މި ސީޒަނުގައި އަޔަކްސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ގާނާ ބަލިވި މެޗުގައި ވެސް ކުޑޫސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ގާނާ އިންނެވެ. ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި މުހައްމަދު ސަލިސޫ ޖެހިއިރު ދެވަނަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ކުޑޫސް އެވެ.
ދެ ގޯލު ފަހަތުގައި އޮވެފައި ދެކުނު ކޮރެއާ އިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ތިން މިނެޓުތެރޭ އެޓީމަށް މި ދެގޯލު ވެސް ކާމިޔާބުކޮށްދިނީ ޖޯ ގުއެ-ސުން އެވެ. އޭގެފަހުން ކޮރެއާ އިން ވަނީ ހިތްވަރާ އެކު ކުޅެ އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ.
ދެކުނު ކޮރެއާ އިން އެއްވަރުކުރިތަނާ ފަސް ވަރަކަށް މިނެޓު ފަހުން ގާނާގެ ކުޑޫސް ވަނީ އެޓީމު މޮޅުވި ގޯލު ޖަހައިދީފަ އެވެ. އިނާކީ ވިލިއަމްސްގެ ފައިގައި ލައްވާނުލައި ކުޑޫސް އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލަށް ވައްދާލާފަ އެވެ.
މެޗުގެ ފަހުކޮޅު ދެކުނު ކޮރެއާ އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. މި ހަމަލާތައް ހުއްޓުވުމުގައި ގާނާގެ ގޯލްކީޕަރު ލޯރެންސް އަޓީ ޒިގީ މޮޅު ކުޅުމެއް ދެއްކި އެވެ.
މޮޅާ އެކު ގާނާ ވަނީ ތިން ޕޮއިންޓާ އެކު ޕޯޗުގަލްއާ އެއްވަރުކޮށްފަ އެވެ. އެކަމަކު މިރޭ އުރުގުއޭ އަތުން ބަލިނުވެއްޖެ ނަމަ ޕޯޗުގަލް އަށް ޕޮއިންޓުގެ ގޮތުން ކުރި ލިބޭނެ އެވެ. މި ގްރޫޕުގައި އުރުގުއޭ އާއި ދެކުނު ކޮރެއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.