އެމްޑީޕީ

ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ފާސްކުރުމަށް މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި 61 މެންބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

އެމްޑީޕީގައި ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ހަތް މެންބަރަކު މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެން ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެ އެވެ.

ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުން

  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ބަޖެޓް ފާސްކުރުމަށް ތްރީލައިން ވިޕް ނެރެފަ އެވެ.

ވިޕްލައިނާ ހިލާފުވި މެންބަރުންނާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ ވިޕްލައިނާ ހިލާފުވުމަކީ ބައެއް މެންބަރުން ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން އެފަދަ މެންބަރުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަޅުއްވާނެ ފިޔަވަޅެއް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ 14 މެންބަރަކު ވަނީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑު ކުރަން ހުށަހެޅި ބިލަށް ވެސް ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާފަ އެވެ. އެ މެންބަރުންނާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފަ އެވެ.