ފިނޭންސް މިނިސްޓްރީ

2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުން 2.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން ޓީބިލް ވިއްކަން ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކަމަށް އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 426 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެއިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 155 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 621 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލުގެ ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ޓީބިލް ވިއްކާއިރު 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހު 3.4 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.