ފިނިޕޭޖް

ދުއާ ލީޕާ އަށް އަލްބޭނިއާގެ ސިޓިޒަންޝިޕް ދީފީ

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާއަށް އަލްބޭނިއާގެ ސިޓިޒަންޝިޕް ދީފި އެވެ.

ދުއާ ލީޕާގެ މައިންބަފައިންނަކީ 1992 ގައި ޕްރިސްޓީނާއިން އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރި ކޮސޯވޯ އަލްބޭނިއާ ދަރިކޮޅުގެ ދެމަފިރިންނެވެ. ދުއާގެ ބައްޕައަކީވެސް ލަވަކިޔުންތެރިއެކެވެ.

އަލްބޭނިއާގެ ރައީސް ބަޖްރާމް ބެގަޖް ޓްވީޓެއްގައި ވިދާޅުވީ އުފަލާ އެކު އަލްބޭނިއާގެ ޝިޓިޒަންޝިޕް ދުއާ އަށްދޭ ކަމަށާއި ދުއާގެ ބައިނަލްއަގްވާމީ ކެރިއަރާއި މުހިއްމު އިޖްތިމާއި މައްސަލަތަކާ އެންގޭޖްވާވަރުން ގައުމު ފަޚުރުވެރި ކުރުވައިފި ކަމަށެވެ.

ތިން ފަހަރު ގްރެމީ އެވޯޑް ލިބިފައިވާ ދުއާ ވަނީ ޓްވީޓަކުން އަލްބޭނިއާގެ ރައީސްއަށާއި ވެރިރަށް ތިރާނާގެ މޭޔާ އީރިއަން ވެލިއަޖް އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަލްބޭނިއާގެ ދިދަކައިރީގައި ނަގާފައިވާ ފޮޓޯތަކަކާއި އޭނާގެ ސިޓިޒަންޝިޕާ ބެހޭ ލިޔުންތައް ހިފަހައްޓައިގެން ޕޯޒްކޮށްފައިވާ ފޮޓޯތަކެއް ޝެއާކޮށްފައިވެ އެވެ.

"އަހަރެންގެ އާއިލާގެ ބޮޑުބައި ތިބީ ކޮސޯވޯގައި، އެހެން ނަމަވެސް ހާލަތު ހުރިގޮތުން އަނބުރާ ނުދެވޭތީ އާއިލާގެ ބޮޑުބަޔާ ހަގީގަތުގައި ބައްދަލުވެފައެއް ނުވޭ،" ދުއާ ބުނެފައިވެ އެވެ.

ދުއާ ބުނީ އޭނާގެ ގޭގައި ހުރިހާ ކަމެއްވެސް ހުންނާނީ އަލްބޭނިއާގެ ސަގާފަތާ އެއްގޮތަށް ކަމަށާއި ސްކޫލްގެ ހަޔާތް އޮންނާނީ އިނގިރޭސި ގޮތަށް ކަމަށެވެ.

ދުއާގެ އާއިލާ ވަނީ ދުއާއަށް 11 އަހަރުގައި ޕްރިސްޓީނާ، ކޮސޯވޯގެ އެންމެ ބޮޑު އަދި ވެރިކަން ކުރާ ރަށަށް ބަދަލުވެފަ އެވެ.

ދުއާ ބުނީ އޭނާ ކޮސޯވޯއަށް ދިއުމުން އެއީ އޭނާގެ ގައުމު ކަމަށް އިހްސާސްވި ކަމަށެވެ. ދުއާ ވަނީ އުމުރުން 15 އަހަރުގައި އަމިއްލަ މިއުޒިކީ ކެރިއާއެއް ފެށުމަށް ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ދުއާ ބުނީ އޭނާއަށް އިހްސާސް ކުރެވެނީ އޭނާގެ ހަޔާތަކީ އަބަދުވެސް ދެ ގައުމުގެ މެދުގައިވާ ހަޔާތެއް ކަމަށެވެ.