ވާހަކަ

އިޙްސާސްވޭ

( 27 ނޮވެމްބަރ 2022 އާ ގުޅޭ )

"ކޮލެޖަށް ނުދަންތަ؟." މައިރާ އަހާލިއެވެ. ޖަވާބެއްގެ ގޮތުން މަލަކް ހޫން ލައްވާލިއެވެ.

"ރޭގަ ބީއެފްއާ މީޓުކުރަންތަ ދިޔައީ." ކޮއްކޮއަށް ފަރުވާތެރިކަމާއެކު ބަލަން އިނދެފައި މާޔަލް އަހާލިއެވެ. ދެން ވެސް ވާހަކަތަކެއް ނުދައްކާ މަލަކް ޖަވަބު ދިނީ ބޮލުން ކޮށްލި އިޝާރާތުންނެވެ.

"ކިއްވެފަ ތިއިނީ. އަދިވެސް ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުނުވަނީތަ؟." މައިރާ އަހާލިއެވެ.

ކުޅިމަހާ ޖަހައިގެން މަލަކް ކާން އިން ރޮށިކޮޅު ތަށީތެރޭ ބާއްވާލިއެވެ. ކައިރީ ހުރި ކަޅުސައިތަށި ހުސްކޮށްލާފައި ޖޯޑު މޭޒުމަތީ ބެހެއްޓިއެވެ. ހީވީ މަލަކް ސައިބޮއެ ނިންމާލީ ހެންނެވެ.

"ދޮންތިއާއި ކުޑޫ، މަލްގެ ކޮޓަރިއަށް ހިނގާބަލަ." މޭޒު ކައިރިން ތެދުވަމުން މަލަކް ބުންޏެވެ.

"އެ ތެދުވީ ތަށިތައް ބަހައްޓާފަ... އިހަށް ސައިބުއި ތަށިތައް ނަގާ. މަންމަ ދެންމެ އެދިޔައީ މޭޒު ސާފުކޮށްފަ." ކޮއްކޮގެ ފަރުވާކުޑަ އާދަތައް ފެނި މައިރާ އަބަދުވެސް ފާޑުކިޔައެވެ.

"މަލްކޮ މެރީ ކުރާނީ މުއްސަންޖަކާއޭ ބުނެއެއްނު. ހަތަރެސްފަޔަށް ސާވަންޓުން ތިބޭވަރުގެ. ދޯ." މާޔަލް ކޮށްލި ސަމާސާ މަލަކްއަށް ކަމަކު ނުދިޔައެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ތަށިތައް ހިފައިގެން ސިންކު ކައިރިއަށް ދިޔައީއެވެ. އެ ހަމަހިމޭންކަން މާޔަލްއާއި މައިރާއާ ދެބެންނަށް ވެސް ފާހަގަވިއެވެ. އެއްޗެކޭ ނުބުނުމަކީ މަލަކްގެ އުސޫލެއް ނޫނެވެ. އެފަދަ މައުޟޫޢަކަށް އެމީހުން އެއްޗެއް ބުނެފިނަމަ މަލަކް ހުންނާނީ ރައްދު ދޭން ތައްޔާރަށެވެ. އެކުއްޖާއަށް ނިކަން ފޯރި އަންނާނެއެވެ. މާޔަލްއާއި މައިރާއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. ކިހިނެއްވީބާއޭ އެމީހުންގެ ހިތްތަކުގައި ސުވާލު އުފެދިފައި ވިއެވެ.

މަލަކް ދެ އަތް ފުހެލިއެވެ. ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ކާމޭޒުދޮށުގައި ތިބި މައިރާއާއި މާޔަލް އޭނާގެ ފަހަތުން އައެވެ. ތިންބެއިން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެ ކޮޓަރީގައި އޮތް "ބީންބޭގް" ގޮނޑީގައި މާޔަލް ހަމަޖެހިލިއެވެ. މައިރާ އައިސް ރީތިވިވާ މޭޒުގެ ގޮނޑީގައި އިށީނެވެ. މަލަކް އިނީ އެނދުގެ ފައިލާކޮޅުގައި ބަހައްޓާފައި ހުރި ސޯފާ ބެންޗުގައެވެ. މައިރާއަށް ދުރަކު ނީދެވުނެވެ. އޭނާ އައިސް މަލަކްގެ ކައިރީ އިށީނެވެ. ކިހިނެއްތޯވީ އޭނާ ސުވާލުކުރިއެވެ. މަލަކް ބަލާލީ މާޔަލްއަށެވެ.

"ޔޫ ވާ ރައިޓް ކުޑޫ." މަލަކް ބުންޏެވެ.

މާޔަލްއަށް ނަގައިނުގަނެވިފައި އިނެވެ. ކޮންކަމެއްތޯ ސުވާލު ކުރީ މައިރާއެވެ. މަލަކްއަށް ތުންފިއްތާލެވުނެވެ. އެހެންވިޔަސް އޭނާ ހިތްވަރުކޮށްފައި ދައްތަމެންނަށް ދައްޔާނާއި މިއުވާނުގެ ރޭވުންތައް ކިޔާދޭން ފެށިއެވެ. ވާހަކަދައްކަމުން ދިޔަ މަލަކްގެ ދެ ލޯ ފެންކަޅިވަމުން އައެވެ. މަޑުމަޑުން އޭނާގެ އަރު ބެދުނެވެ. އިސާހިތަކު އޭނާއަށް ނުކިޔަމަންތެރިކަން ދައްކަމުން ކަރުނަތައް އޭގެ މަޤާމު ދޫކޮށް ދެ ކޯތާފަތުން ފައިބަންފެށިއެވެ. މޫނުގައި ދެއަތް އަޅާލެވުނުއިރު މަލަކްއަށް ރަނގަޅަށް ވެސް ރޮވެނީއެވެ. ދައްޔާނު ކުރި ކަންތައްތަކުން އެންމެ ބޮޑު އަސަރެއްކުރީ މަލަކްގެ ހިތަށެވެ. އޭނާއަށް ދައްޔާނުދެކެ ލޯބިވެވުނީމައެވެ. ފަހަރެއްގައި ވެސް އޭނާގެ ހިތް މިލްކުކޮށް ކިޔަމަން ކުރުވަން އެހާ ދުރަށް ބަޔަކު ރާވަފާނޭ މަލަކްގެ ހިތަކަށް ނާރައެވެ. މަލަކްގެ ކޮނޑުގައި ހިފަހައްޓާލުމާއެކު މައިރާއާ ގާތްކޮށްލިއެވެ. މާޔަލްއަކަށް ވެސް ދުރަކު ނީނދެވުނެވެ. އެ ދެބެންނަށް ވެސް ޔަގީންވަނީ އެމީހުންގެ ކޮއްކޮ ރޮއްވާލުމަކީ މީހަކަށް ކުރާން ފަސޭހަކަމަކަށް ނުވާނޭކަމެވެ. މަލަކް ރޮއިފިނަމަ އެކުއްޖާއަށް ވަރަށް ބޮޑު އަނިޔާއެއް ލިބުނީކަން ގައިމެވެ. މަލަކްގެ ގާތުގައި އިށީން ގޮތަށް ކޮއްކޮގެ ގައިގާ މާޔަލް ބައްދާލިއެވެ. ދެފަރާތުން މަލަކްގެ ގައިގާ މާޔަލްއާއި މައިރާ ބައްދާލައިގެން ތިބިއިރު އެމީހުން ކަންބޮޑުވުން ފާޅުކުރިއެވެ.

"އިޓް ވޯޒް އޯލް ބިކޯޒް އޮފް މީ. ޑިއު ޓު މައި ބިގް އީގޯ." ހަޤީޤަތުގައި ވެސް މަލަކްއަށް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. ހުރިހާކަމެއް ގުޅިފައިވީ އޭނާއާ ވީމައެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް. ރިޖެކްޓް ކުރުމަކީ އަމިއްލަ އިޚްތިޔާރު އޮތް ކަމެއް. އެކި މީހުންގެ ފަރާތުން ކަމުދާނީ އެކި ސިފަތައް. ލޯބި ހުށައަޅާ ކޮންމެ މީހަކާ ގުޅުމަކީ މަސްޓެއްނޫން. އޭރު މަލްއަށް ކަމުނުދިޔައީމަ އެކަން ހާމަކުރީ. ހަޤީޤަތް ބަލައިނުގަނެވުނީ ޔާނުއަށް. ބަދަލުހިފަން އުޅުމަކީ އެންމެ ފިނޑި މީހުންގެ ގޮތް." މާޔަލް ބުންޏެވެ.

"އެކަމަކު އަހަރެންގެ ސަބަބުން އެކްސިޑެންޓް ހިނގީ. ކުޑޫ މަރުނުވީ ކިރިޔާ. މަންމަ ހާދަ ރުޔޭ... އެންމެން ވެސް ތިބީ ޝޮކުގައި. އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް ނުހޯދުނު. އެކަމަކު މިހާރު އެކަން ވެސް މި އެނގުނީ." މަލަކް ރޮމުންރޮމުން ބުންޏެވެ.

"މަލްއަށް ކަމެއްވީނަމަ ވެސް އެންމެން ދެރަވެގެން ރޯނެ." މައިރާ ބުންޏެވެ.

"އެއީ ތެދެއް." މާޔަލް ވެސް މައިރާގެ ވާހަކައިގަ ބައިވެރިވިއެވެ.

"މަލް. އެކަން އެޔޮތީ ނިމިފައި... ބަޔަކު ކިތަންމެ މޮޅަށް ރޭވިޔަސް އެކަމެއް ނިމިގެން ދާނީ ﷲ އިރާދަކުރެއްވި ގޮތަކަށް. މިހާ ދުވަސްފަހުން ހުރިހާކަމެއް އެނގުނީ އަދިކިރިޔާ. ކޮންމެ ކަމަކަށް ވެސް ﷲ ވަގުތު ކަނޑައަޅުއްވައިފޭ. މާޒީވި އެއްވެސް ކަމެއް ބަދަލުކުރުމަކީ އަހަރެމެންނަށް ކުރެވޭނެކަމެއްނޫން. ސްޓޮޕް ބްލޭމިން ޔޯ ސެލްފް." މައިރާ ވިސްނާދިނެވެ.

"އައި ޑޯންޓް ނޯ ވަޓް ޓު ޑޫ އެނީމޯ." ގޮތް ހުސްވެފައިވާ ފަދައިން މަލަކްއަށް ބުނެވުނެވެ. އޭނާ ކޮންމެ ވާހަކައެއް ދެއްކިޔަސް ދައްޔާނުގެ މަތިން ހަނދާންނައްތާ ނުލެވޭނެކަން އަމިއްލަ ޟަމީރަށް ޔަގީންވެއެވެ. ފުރުޞަތަކަށް ބަލަބަލާ ހުރި ޝައިތާނާ އޭނާގެ ހަވާނަފްސުގެ އެދުންތައް ހޭލައްވާލީ ލޯބީގެ ނަމުގައެވެ. ދައްޔާނަށް މުޅި ނަފްސު ވެދުންކުރެވުނީތީ މިއަދު އޭނާގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އެންމެ ބޮޑަށް އޭނާ ހިތާމަކުރަނީ އެކަމާއެވެ. މާޒީ ބަދަލުނުކުރެވޭނެކަން އެނގުނު ނަމަވެސް ދައްޔާނާއި މިއުވާނު ކުޅެމުން އައި ކުޅިގަނޑު އޭނާގެ އަބުރު ގެއްލުމުގެ ކުރީން އެނގުނުނަމައޭ މަލަކްގެ ހިތަށް އަރައެވެ.

"މި ވާހަކަތައް ރިކްއަށް ކިޔައިދޭން ބޭނުން. އައި ތިންކް މަންމަމެންނަށް ވެސް އެނގެންވާނެ." މާޔަލްގެ ޚިޔާލު ފާޅުކުރިއެވެ. މަލަކް އެއްވެސް އެއްޗެއް ނުބުންޏެވެ. މަންމަމެންނަށް އެނގުނީމަ އޭނާއާ މެދު ދެކޭ ގޮތް ބަދަލުވާނޭ މަލަކްގެ ހިތަށް އަރަމުންދިޔައެވެ. އެކަމަކު އެ ވާހަކަތައް ސިއްރުކޮށްދޭން ބުނާނޭ ހިތްވަރެއް އޭނާގެ ނެތެވެ. މަންމަމެންނަށް ނޭނގޭ ކިތަންމެ ކަމެއް އެ ތިންބެއިންގެ މެދުގައި ސިއްރުކުރެވިފައިވެއެވެ. މަންމަމެންނާ ޚިއްޞާ ނުކުރާ ކަންކަން އެ ތިން ބެންގެ މެދުގައި ދެކެވިފައި ހުންނާނެއެވެ. އެހެންވިޔަސް މަލަކްއަށް ގޮތެއް ނުނިންމުނެވެ.

* * * * *

ފިކުރުތަކަށް ގެއްލިފައި ދައްޔާނު އޮތީ އެނދުން ތެދުވަން ބޭނުންނުވެފައެވެ. ހެނދުނު ދެ ލޯ ހުޅުވުމާއެކު އޭނާ ފުރަތަމަ ވެސް މަލަކްއަށް މެސެޖުކުރީއެވެ. މަޢާފަށް އެދިފައެވެ. ވަރަށް ލޯބިވާކަމާއި އޭނާއަށް އެއްފަހަރަށް މަޢާފުކޮށް ދެމެދުގައި އޮތް ގުޅުން ކަނޑާނުލުމަށް އެދި އާދޭސްކޮށްފައެވެ. ނަމަވެސް މަލަކްގެ ޖަވާބެއް ނައެވެ. ހިތަށް ކެތްނުވެގެން މަލަކްގެ ނަންބަރަށް އޭނާ ގުޅާލިއިރު އޮތީ ނިއްވާލާފައެވެ. މަލަކްއަށް ވަގުތު ބޭނުންވާނޭކަން އެނގެއެވެ. ހަމައެއާއެކު ވަގުތުދޭން ދައްޔާނު ބިރުގަންނަނީއެވެ. ދެމެދުގެ ހުސްކަން އިތުރުވާ ވަރަކަށް އޭނާއަށް މަލަކް ގެއްލިދާނޭ ހީވަނީއެވެ. ފޯނުގެ ރިންގުގެ އަޑު އިވުމާއެކު ދައްޔާނުގެ ހުރިހާ ސަމާލުކަމެއް ފޯނަށް ދެވުނެވެ. ގައި ކައިރީ އެނދުމަތީ އޮތް ފޯނު ނަގާ ބަލާލިއެވެ. މަލަކްގެ ކޯލަކަށް ވެދާނޭ ހީކުރެވި އޭނާގެ ހިތް ތެޅިފޮޅިގަތެވެ. ނަމަވެސް ފޯނުގެ އިސްކުރީނުން ފެންނަން ހުރީ ނުދަންނަ ނަންބަރެކެވެ. ދައްޔާނު ފޯނުކޯލު ނެގިއެވެ. އެއާއެކު އިވުނީ ފިރިހެނެއްގެ އަޑެވެ. ދައްޔާނުގެ ނަންބަރު ލިބުނީ މިއުވާނުގެ އަތުންކަން ބުނުމަށްފަހު އެމީހާ އެދުނީ ބައްދަލުކޮށްލަން ނުކުތުމަށެވެ. އޭނާ ގޭ ކައިރީ ހުރިކަން ބުނުމުން ދައްޔާނު ނިކަން ހައިރާންވިއެވެ. ފޯނުކޯލުގައި ހުރެ އޭނާ ފުންމައިގެން އެނދުން ތެދުވިއެވެ. ޖިންސުގެ މަތިން ޓީޝާޓު ބޮލަށް މަހާލަމުން ދައްޔާނު ކޮޓަރިން ނުކުތެވެ. އޭނާ ތިރިއަށް ފޭބީ ޓީޝާޓު ލަމުންނެވެ. ކޮނޑާއި ކަންފަތާ ދޭތެރޭ ފޯނު ހިފަހައްޓާލައިގެން ހުރެ ނިކަން ހަލުވިކޮށް އައިސް ދޮރޯށި ހުޅުވާލިއެވެ. ސައިކަލުމަތީ އިން އިސްކޮޅުން ދިގު ހައިބަތު ހުރި ޒުވާނާ ދައްޔާނުގެ ލޮލުގައި އަޅައިގަތެވެ. އޭނާ ވެސް ކަނާއަތް ހިއްލާލައި ދައްޔާނަށް އިޝާރާތެއްކޮށްލިއެވެ.

"ކާކުކަމެއް ނޭނގުނު. ކޮބާ މިއުވާނު." ދައްޔާނު އައިސް އެ ޒުވާނާގެ ކުރިމަތީ މަޑުކޮށްލުމާއެކު ވާހަކަދެއްކިއެވެ.

"ވަރަށް އަވަހަށް އޭނާ ފެންނާނެ. ޕޮލިހަށް ރިޕޯޓްކޮށްފައެއްނުވީ. މީ އަހަރެން އަތުގައި ހުރި އޭނާގެ އެއްޗެއް. ދައްޔާނުއަށް ދޭން މިއައީ. ކުޑަ ވާހަކައެއް ވެސް ދައްކާލަން ބޭނުން. ވަގުތު އެބައޮތްތަ؟." އެ ޒުވާނާ އަމިއްލަ ތަޢާރަފެއް ދިނުމުގެ ބަދަލުގައި އޭނާގެ ބޭނުމުގެ ވާހަކަދެއްކިއެވެ. އަދި އޭނާ ހިފަހައްޓައިގެން އިން ބެކްޕެކް ދައްޔާނަށް ދިއްކޮށްލިއެވެ. އޭގައި ހިފުމާއެކު ދައްޔާނު އެ ދަބަހުގައި ހުރީ ކޮންއެއްޗެއްތޯ ބަލާލިއެވެ. ހައިރާންކަމާ އެއްވަރުގެ ސިހުމެއް ލިބުނީ އޭގައި ފައިސާ ހުރީމައެވެ.

"ތިރީސް ހާސް." ދައްޔާނުގެ ނަޒަރު ދަބަހުން ނެއްޓި ޒުވާނާއާ ހަމަކޮށްލި ހިނދު އޭނާ ބުނެލިއެވެ.

"ތީ މިއުވާނު ކީއްކުރަން ނެގި ފައިސާއެއްކަން އެނގޭތަ؟... ދައްޔާނުގެ ލޯބިވެރިޔާއަށް ދޭން." ހައިރާންކަމުގައި ދައްޔާނު ވަނިކޮށް ދެން ވެސް އެ ޒުވާނާ ވާހަކަދެއްކިއެވެ. ސުވާލު ކުރުމަށްފަހު ޖަވާބު ވެސް އެ ދިނީ އޭނާއެވެ. އެއާއެކު ދައްޔާނަށް އެ ފައިސާގެ ހަޤީޤަތް ވިސްނިއްޖެއެވެ. އެއީ މަލަކްގެ ބްލެކްމެއިލަރަށް ދޭން މިއުވާނު ނެގި ފައިސާއެވެ. އެކަމަކު މިމީހެއްގެ އަތަށް އެ ފައިސާ އެރިގޮތާމެދު ދައްޔާނު ސުވާލު އުފެދުނެވެ.

"ތީ ކާކުކަމެއް އަދިވެސް ނުބުނޭ. މިއުވާނު ދަންނަނީ ކިހިނެއް؟." ދައްޔާނު އެއްސެވެ.

"އަހަރެން މީ ކާކުކަން އެނގުމަށްވުރެ ކަލެއަށް ފައިދާކުރާނޭ ވާހަކައެއް އެނގެން ބޭނުމެއްނުވޭތަ. މިއުވާނު ދައްޔާނުގެ ލޯބިވެރިޔާއަށް މިހާ ފައިސާ ދޭން އުޅޭ ސަބަބު އޮޅުންފިލުވާކަށް ބޭނުމެއްނޫންތަ. ކީއްވެ އެކަމާ ސުވާލު ނުކުރީ. މިއުވާނަކީ ކިހާ ނުރައްކާތެރި މީހެއްކަން އެނގޭތަ. އަހަރެން ވެސް އެއްބަސްވާން ޖެހޭ ކަމަކީ އޭނާ އަކީ ފިސާރި ކުޅަދާނަ ސިކާރަވެރިއެއްކަން. ހީ އިޒް އަ ކޮންމޭން. އަންހެން ކުދީންނަށް އޮޅުވާލައި އޭނާގެ ދަލުގައި ޖައްސަން ދެވަނައެއްނެތް މީހެއް. މަލަކްއަކީ ދައްޔާނުގެ ލޯބިވެރިޔާއެއްނު. އޭނާއަށް މިއުވާނު ޖައްސައިގެން އުޅޭ ހާލު އެނގޭތަ. ކަލޭމެން ދެމީހުން ދުރުކުރާން އޭނާ ގަސްދުކުރީ." އެ ޒުވާނާގެ ވާހަކަތަކުން މިފަހަރު ދައްޔާނު ނުސިހުނެވެ. މަލަކްއާމެދު މިއުވާނު ކަންތައް ކުރިގޮތް އޭނާއަށް ވަރަށް ސާފުކޮށް ވަނީ އެނގިފައެވެ.

"އަހަންނަށް އެނގޭ. މިކަމުގައި ކަލޭގެ ރޯލަކީ ކޮބާ." ދައްޔާނު ބުންޏެވެ.

"ރުޅި ނާދޭ. އަހަރެން ދައްޔާނާ ޒުވާބުކުރާކަށްނޫން މިއައީ. އަހަންނަށް އެނގޭ މިއުވާނާ މެދު ދައްޔާނު ދުށީ ބޭބެއެއްގެ ގޮތުގައިކަން. އެކަމަކު ދައްޔާނުގެ އިތުބާރު އޭނާ ހޯދީ އޭނާގެ އަމިއްލަ އެދުން ފުރިހަމަ ކުރާން. އަހަރެންގެ ކޮއްކޮ މިއުވާނުގެ ޝިކާރައަކަށް ވީ ދުވަހުން ފެށިގެން އޭނާގެ ދަލުގައި އަންހެންކުއްޖަކު ޖެހޭ އަހަރެން އައީ ބަލަމުން. އަހަންނަށް އެނގޭ މަލަކްއަކީ ވިޔާނުދާ ކުއްޖެއްނޫންކަން. އަހަރެން މިއައީ ދައްޔާނާއި މަލަކްއަށް ހަޤީޤަތް ކިޔައިދޭން. މިއުވާނުގެ ނުބައިކަން ހުރިވަރު ބުނެދޭން." އެ ޒުވާނާ ބުނެލިއެވެ.

ޒޭވިއާ އަމިއްލަ ނަފްސާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ޚިއްޞާ ނުކުރި ނަމަވެސް އޭނާގެ ކޮއްކޮ ނިމްރާއަށް މިއުވާނު ޖެއްސި ހާލު ދައްޔާނަށް ކިޔާދިނެވެ. މުދަލަށް ދަންދެން އެ ކޮއްކޮގެ އަތުން މިއުވާނު ފޭރިގަނެ މަގުމަތިވާން ޖެހުނު ގޮތެވެ. ނިމްރާގެ އަތުން ފުރާނައެއް ގެއްލިގެން ދިޔަ އިރު އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހަކީ މިއުވާނުކަން ޒޭވިއާ ކިޔާދިނެވެ. އެ ކޮއްކޮގެ ސައިކަލަށް ގޮތެއް ހެދީ އޭރު މިއުވާނު ރައްޓެހިވެގެން އުޅުނު އަންހެންކުއްޖާ މެދުވެރިކޮށްކަން ކިޔާދިނެވެ. އަދި ފަހުން އެ އަންހެންކުއްޖާ އަތުން ވެސް އެތައް ފައިސާއެއް ނަގައި ނުވީތާކަށް އެއްލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގުވާފައި ދޫކޮށްލި ގޮތް ޒޭވިއާ އޮޅުންފިލުވާ ދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ދައްޔާނުގެ ދެބުމަ ކައިރިވަމުން ދިޔައިރު ހުރެވުނީ ދަތްކުނޑިވިކާލައިގެންނެވެ. މަލަކްއާ މެދު މިއުވާނު ކަންތައްކުރާން ގަސްދުކޮށްފައި އޮތް ގޮތް ވެސް ޒޭވިއާ ހާމަކުރިއެވެ. ހުރިހާކަމެއްގައި ދައްޔާނު ބެދޭނެކަން ޒޭވިއާ ބުނިއިރު އޭނާ އިތުރަށް ބުނީ އެއީ މިއުވާނު ގަސްދުގައި ދައްޔާނަށް ދިން ލަނޑެއް ކަމެވެ. މިއުވާނަކީ އޭނާ ބެދޭނޭ ގޮތަށް އެއްވެސް ކަމެއް ކުރާނޭ މީހެއްނޫންކަން ޒޭވިއާ ބުންޏެވެ.

"އާން. މަންމަގެ ދަރިއެއް އެވެސް. އެހެންވީމަ ބޭބެއަށްތާ ވާނީ. ޖަލުން ސަލާމަތްވުމަށްފަހު މާނުބެ އަހަރެމެން ކައިރިއަށް އައީ. އޭގެ ކުރީން އޭނާ އުޅުނީ ކޮންކަހަލަ ދިރިއުޅުމެއް ކަމެއް އަހަރެން ނުދެނަހުރިން. މަންމައާއި ބައްޕަ އަބަދުވެސް އޭނާދެކެ ރުޅި އާދޭ. ގޭތެރެއިން އޭނާއަށް ބްރެއިން ވޮޝްކޮށްލަން ލިބުނީ އަހަރެން. އޭނާގެ ކޮންމެ ވާހަކައެއް އަހަރެން ޤަބޫލުކުރިން. އެކަމަކު މިހާރު ވަރަށް ބޮޑަށް ރިގްރެޓްވޭ. މަލް އަހަންނަށް ބްލޭމްކުރި. މިއުވާނު ކުރީ ކީއްކަން އަދި މި ފައިސާއަކީ ކޮންބޭނުމަކު ނަގާފައިވާ ފައިސާކަން މަލްގެ ފަރާތުން އެނގުނީ. އަހަންނާއި މަލް މިކަމާ ގުޅޭ ގޮތުން ވާހަކަދެއްކިން. އެކަމަކު މާ ލަސްވެއްޖެ. މާނުބެއާ ގުޅިގެން އަހަރެން މަލް ހޯދަން ކުރިހާ ކަންކަން އޭނާއަށް ކިޔާދީފިން. މާނުބެ ޕްލޭންތަކުގައި އަހަރެން ބައިވެރިނުވާކަމަށް ނުވާނެ. މަލް... އިޓްސް އޯވާ. އަހަންނާ ގުޅުމެއް ބާއްވަން މަލް ބޭނުމެއްނޫން. ކުރިން ވެސް އެނގޭ ހުރިހާކަމެއް އެނގުނީމަ މަލް ރިއެކްޓް ކުރާނީ އެހެންކަން. ހިތަށް އަރާ އަދި ހަމަ އެންމެ ފުރުޞަތެއް އަހަންނަށް ދޭނެނަމައޭ. އެވްރިބޮޑީ ޑިޒާވް އަ ސެކަންޑް ޗާންސް. ނޫންތަ؟. އަހަރެން މަލްއަށް ޕްރޮމިސްކުރާން ބޭނުން ދެން އެހެންނުވާނެކަން. އައި ވޯންޓް ޓު މެރީ ހާ." ދައްޔާނު ބުންޏެވެ. ފަރުވާތެރިކަމާއެކު ބަލަން ހުރި ޒޭވިއާގެ ސިކުނޑިއަށް ވެރިވި ސޫރައާއެކު އޭނާގެ ތުންފަތް ކުޑަކޮށް ދެމިލިއެވެ. އެ ހަނދާންތައް އޭނާ އެއްފަރާތްކޮށްލިއެވެ.

"އަހަންނާއެކީ މަލްއާ މީޓުކުރަންވީނު." އިރުކޮޅަކު ހުރެފައި ޒޭވިއާ ބުންޏެވެ.

"މަލް ކޮންވިންސް ކުރެވެން އޮތް ކޮންމެ ގޮތެއް ޓްރައިކުރަން އަހަރެން ރެޑީ." ދައްޔާނު ވަގުތުން ބުންޏެވެ.

"ޑޯންޓް ރިޕީޓް... ލާން ފްރޮމް ޔޯ މިސްޓޭކްސް. އައި އޭމް ޝުއާ މަލް ވިލް އަންޑަސްޓޭންޑް. ޝީޒް އަ ބްރައިޓް ގާލް." ޒޭވިއާ ބުނެލިއެވެ. އަދި އޭނާ މިވަގުތު އިހަށް ދަނީކަން ބުންޏެވެ. މަލަކްއާއެކީ ބައްދަލުވުމެއް ހަމަޖައްސާނަން ކަމުގެ ޔަގީންކަން ޒޭވިއާ ދިނެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން ދައްޔާނަށް ގުޅާނަންކަން ވެސް އޭނާ ބުންޏެވެ. އެހެންވީމަ އޭނާ ގުޅީމަ ފޯނު ނަގަން ދައްޔާނަށް އެންގިއެވެ.

ޒޭވިއާ ދިޔަ ދިމާއަށް ބަލަން ދައްޔާނު ހުއްޓެވެ. ކާކުކަން ނުބުނެ އެކަމަކު އެމީހަކު އެ ދިޔައީ ދައްޔާނަށް ވަރަށް ގިނަ ވާހަކަ އޮޅުންފިލުވާދީފައެވެ. ސްކާލެޓް ގޮމަ ހޮޓެލްއަކީ އޭނާއަށް ވެސް އެނގޭ މާލޭގެ މަޝްހޫރު ތަނެކެވެ. އެ އިމާރާތުގެ ވެރިފަރާތަކީ އެ ޒުވާނާގެ ކޮއްކޮކަން ދައްޔާނު އެނގުނީ އަދިކިރިޔާއެވެ. އަމިއްލަ ބޭބެއަށްވުރެ މިއަދު ދުރުހިލޭ މީހަކަށް ވެސް އިތުބާރު ކުރާން ދައްޔާނަށް ފަސޭހަވެއްޖެއެވެ.

* * * * *

"ކިހިނެއްވީ ޑަކްޓަރުގެ އެޕޮއިންމެންޓެއް ތި ހޯދަނީ." ފޯނުން ފައިރޫޒުގެ އަޑު އިވެއެވެ.

"ނުސާފުކަމެއް ލޮލުގަ ހުންނަތާ ދެ ދުވަހެއްވަރު ވެއްޖެ. މެރީ ކުރާއިރު އަނބިމީހާގެ ލޯބިކަން ނުފެނިދާނެތީ." އައިރިކް ބުންޏެވެ.

"ސީރިއަސްލީ." ފައިރޫޒަށް ހީވީ އައިރިކް ސަމާސާއެއް ކުރީ ހެންނެވެ.

"ވަރަށް ސީރިއަސް. އެންމެ ލޮލަކަށް ފެންނައިރު އެ ލޮލުން ވެސް އަނބިމީހާ ދުށުމުގެ ނަސީބަކީ ހާދަ ބޮޑު ނިއުމަތެކޭ. ވެޑިންގެ ކުރިޔަށް އޮތީ." އައިރިކް ބުންޏެވެ.

"ލޯ ފުސްވަނީތަ؟." ފައިރޫޒު ސުވާލުކުރިއެވެ. އައިރިކް އެކަމަށް އެއްބަސްވިއެވެ. ލޮލުގައި މައްސަލައެއް އެބައުޅޭކަން އޭނާ ބުންޏެވެ. އަދި އިތުރު މީހެއްކައިރީ އެ ވާހަކަ ނުދައްކަން އޭނާ ފައިރޫޒު ކައިރިން އެދުނެވެ. ކައިވެންޏަށް އެންމެން ތައްޔާރުވަމުން އަންނައިރު އެފަދަ ނާޒުކު ޚަބަރެއް ދޭން އައިރިކް ބޭނުމެއްނުވެއެވެ. އެންމެންގެ މޫނުތަކުން އުފާވެރިކަން ގެއްލި މާޔޫސްކަމުގެ އަސަރު ފާޅުވާނޭކަން އެނގޭތީއެވެ.

(ނުނިމޭ)