ސުޕްރީމް ކޯޓް

ދެކުނުގެ އިސްތިއުނާފު މައްސަލަތައް ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަން އަންގައިފި

Jan 19, 2016

ދެކުނުގެ ކޯޓްތަކުގެ އިސްތިއުނާފު މައްސަލަތަކުގެ ފައިލް ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަމުން ގެންދަން ސުޕްރީމް ކޯޓުން އަންގައިފި އެވެ


އެ ކޯޓުން ބުނީ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާތީ ދެކުނުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރަން އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅަން ސުޕްރީމް ކޯޓުން އަންގައިި އެވެ.

ސުޕްރީމް ކޯޓުގެ މި އެންގުން އައިސްފައި ވަނީ މިއަދު ނެރުއްވި އެކޯޓްގެ އާންމު ސިޓީ މެދުވެރިކޮށެވެ. ހައިކޯޓުގެ ދެކުނު ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކަކީ ގއ. އާއި ގދ. އާއި ޏ އަދި ސ އަތޮޅެވެ. ހައިކޯޓްގެ ދެކުނު ގޮފި އުފައްދާފައި ވަނީ ޑިސެމްބަރު 16، 2015 އިން ފެށިގެނެވެ.

މިގޮތަށް ހަމަޖެހުމާ ހަމައަށް، ދެކުނުގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު ފޮނުވާގޮތަށް ހަމަޖެހިފައި އޮތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ.