ފ. ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.
ނިލަންދޫ ކައުންސިލުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުވެސް ހޯދައިގެންނެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށްފަހު ފަޅު ހިއްކައިގެން ދެ ރިސޯޓު ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އަލީ އަހްމަދު ވިދާޅުވީ ނިލަންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށް ރަށުގެ ގިނަ ބަޔަކަށް އެއްބަސްވެވޭ ކަމަށާއި ނަމަވެސް އެކަމުގައި ބައެއް ރައްޔިތުންގެ ކަންބޮނޑުވުންތަކެއް ވެސް އެބަހުރި ކަމަށެވެ. ރިސޯޓު މަޝްރޫއުގެ ސަބަބުން ދީނީ ގޮތުންނާއި ސަގާފީގޮތުން ލިބިދާނެ ގެއްލުންތައް ބައެއް ރައްޔިތުން ފާހަގަކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެކަމަކު އެންމެންނަށް ވެސް އެއްބަސްވެވޭ ރަށު ފަޅުގައި ދެ ރިސޯޓެއް ހެދުމުން ރަށަށް ނުސީދާ ގޮތުން ވަރަށް ގިނަ ފައިދާތައް ލިބޭނެ ކަމަށް،" އަލީ އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިލަންދޫ ފަޅުގައި ދެ ރިސޯޓު ހުޅުވިއްޖެނަމަ މަދުވެގެން 400 ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިމަޝްރޫއުގެ ސަބަބުން ނިލަންދޫގައި އެކި ކަހަލަ ވިޔަފާރިތައް ކުރާ މީހުންނަށްވެސް އިގްތިސާދީ ގޮތުން ފައިދާތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނިލަންދޫ އަކީ ފަރު މަސްވެރިކަން ކުރާ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ރަށެކެވެ. ނިލަންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދިއްޖެނަމަ އެ މަސައްކަތް ކުރާ މީހުންނަށް އެމީހުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިކަނޮމިކަލީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ޖުމްލަކޮށް މި މަޝްރޫއުން ކުރާނެ" އަލީ އަހްމަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނިލަންދޫ ފަޅުގައި ރިސޯޓެއް ހެދުމަށް ރަށުގެ ގިނަ ރައްޔިތުން ތާއީދުކޮށްފައިވާތީ މާދަމާ ބާއްވާ ކައުންސިލްގެ ރަސްމީ ބައްދަލުުވުމުގައި މިމަޝްރޫއާ ގުޅޭ ގޮތުން މުހިއްމު ނިންމުންތަކެއް ނިންމާނެ ކަމަށެވެ.