ފައިސަލް ނަސީމް

"އުދަނގޫ ހާލަތުން އަރައިގަނެވުނީ ގުޅިގެން ކުރި މަސައްކަތުން"

Nov 29, 2022

ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިވި އިގްތިސާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު އަމިއްލަ ފަރާތްތަކުން ވެސް ކުރި މަސައްކަތުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި "ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަށް އަމިއްލަ ފަރާތްތަކުން ދިން އެއްބާރުލުން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނަނީ އެ ގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅިން އަމިއްލަ ފަރާތްތަކުގެ މައްޗަށް ބިނާވެފައިވާ ސިނާއަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް ހުރި ކަންވެސް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ. މިގޮތުން ކޮވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދިން މާލީ އެހީތައް ފާހަގަކުރެއްވި އެވެ.

މިހަފްލާގައި "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ސޯލިހަށް އެވޯޑް ހަވާލުކޮށްދެއްވެވީ ނައިބް ރައީސް އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

"ގޯލްޑް 100 ގާލާ" ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާ އެކެވެ. މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއާމަނުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ސީއީއޯ އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.