އެމެރިކާގެ ޓެކްސަސްގެ ފޯޓު ވޯތު އާއިލާއެއްގެ އަންހެން ދަރިފުޅު ބަލަން ހަވާލުކުރި ބޭބީ ސިޓާ އެ ކުއްޖާ ވަގަށް ނަގައިގެން ގެންދިޔަތާ 51 އަހަރު ފަހުން އާއިލާއިން އެ ކުއްޖާ ހޯދައިފި އެވެ.
ކުއްޖާގެ އާއިލާއިން އާދިއްތަ ދުވަހު އިއުލާން ކުރި ގޮތުގައި ދަރިފުޅު ހޯދުނީ އެންސެސްޓްރީ ޚިދުމަތްދޭ ސައިޓެއް ކަމަށްވާ 23އެންޑްމީ މެދުވެރިކޮށް ޑީއެންއޭ މެޗު ކޮށްގެންނެވެ.
މެލީސާ ހައިސްމިތު ވަގަށް ނަގާފައިވަނީ 1971 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 22 މަހެވެ. މެލީސާ ވަގަށް ނެގީ އޭނާގެ ބޭބީ ސިޓާއެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނެކެވެ.
މެލީސާ ވަގަށް ނެގި މީހާ އޭނާ ހަވާލުކުރި މީހާ އޭނާ ގެންގުޅުނީ މެލަނީ ކިޔައިގެންނެވެ. މެލީސާގެ ހަޔާތުގެ ގިނަ ދުވަސްތަކެއްގައި ދިރިއުޅެފައިވަނީ އޭނާގެ އާއިލާ ވެސް ދިރިއުޅޭ ފޯޓު ވޯތުގަ އެވެ. ނަމަވެސް އޭނާއަކަށް އެއީ ވަގަށް ނަގާފައިވާ ކުއްޖެއް ކަމާއި އޭނާ ގެންގުޅެނީ އަސްލު މައިންބަފައިން ނޫންކަމެއް ނޭނގޭ ކަމަށް ސީއެންއެންގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ.
މެލީސާގެ އަމިއްލަ އާއިލާއެއް އޮތްކަމާއި އެމީހުން އޭނާ ހޯދަން ގަދައަޅާ މަސައްކަތް ކުރަމުންދާކަން މެލީސާ އަށް އެނގުނީ ފޭސްބުކް މެދުވެރިކޮށް އޭނާގެ އާއިލާއިން އޭނާއާ ގުޅުމުންނެވެ.
މި މެސެޖު ފުރަތަމަ ލިބުމުން މެލީސާ ހީކުރީ މިއީ އޮޅުވާލައި މަކަރުހަދާ ބަޔެއްގެ މެސެޖެއް ކަމަށެވެ.
"އަހަރެންގެ ބައްޕަ މެސެންޖާއިން އަހަންނަށް މެސެޖުކޮށްފައި ބުނި އަހަންނަކީ އޭނާގެ އަންހެން ދަރިފުޅެކޭ. އެ ދަރިފުޅު ގެއްލިގެން ހޯދާތާ 51 އަހަރު ވެއްޖޭ،" މެލީސާ ކިޔައިދިނެވެ.
އެ އާއިލާއަށް މެލީސާ ހޯދުނީ އޭނާގެ ދަރިއަކާ ޑީއެންއޭ މެޗު ވެގެންނެވެ.
"ބައްޕަ މިގޮތަށް މެސެޖު ކުރުމުން އަހަރެން ގެންގުޅެ ބޮޑުކުރި މީހާ ކައިރީގައި އަހަރެން އެހިން އަހަރެން ކައިރީގައި ނުބުނެ ސިއްރުކޮށްފައި އެއްވެސް ކަމެއް އެބައޮތްހޭ. އެހިސާބުން އަހަންނަށް އެނގުނު އެމީހާއަށް ވެސް އަހަރެންނަކީ ވަގަށް ނަގާފައިވާ ކުއްޖެއް ކަމާއި ބޭބީ މެލީސާ ކަން އެނގޭކަން،" މެލީސާ ބުންޏެވެ.
މެލީސާ އާއި އޭނާގެ މައިންބަފައިންނާ ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއަށްފަހު ރަސްމީކޮށް މެލީސާގެ ޑީއެންއޭ ޓެސްޓް ހަދައި އެއީ އެމީހުންގެ ދަރިފުޅުކަން އާއިލާއިން ވަނީ ކަށަވަރުކޮށްފަ އެވެ.
"އަހަރެމެންނަށް އޭނާގެ ފޮޓޯތަކާއި ގައިގައި އިން އުފަން ލައް ފެނުމުން އަދި އޭނާގެ އުފަން ދުވަސްކަމަށް ޑޮކިއުމެންޓް ކޮށްފައިވާ ދުވަހާއި މެލީސާގެ އުފަން ދުވަސް ވަރަށް ކައިރި ކައިރީގައި އޮތުމުން އަހަރެމެންގެ ޝައްކު ޔަގީނަށް ބަދަލުވި،" އާއިލާއިން ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި ވެއެވެ.
އެމެރިކާގެ ނެޝަނަލް މިސިން އެންޑް އަންއައިޑެންޓިފައިޑް ޕާސަންސް ސިސްޓަމްގައި މެލީސާގެ ނަން އެބައޮތެވެ. އަދި އޭނާގެ ބުރަކަށީގެ މަތީގައި ބާތުމާކެއް (އުފަން ލަފެއް) އިންކަމަށް ވެސް ސިސްޓަމްގައިވާ މައުލޫމާތުގައި ލިޔެފައި ވެއެވެ. އަދި މެލީސާ ވަގަށް ނެގި ބޭބީސިޓާގެ ސްކެޗްއަކާއި މެލީސާ ބޮޑުވެގެން އަންނައިރު ހުންނާނެ ކަމަށް ލަފާ ކުރެވޭ ގޮތުގެ ފޮޓޯތައް ވެސް މި ސިސްޓަމްގައި ހުއްޓެވެ.
"އަހަރެންނަށް މެލީސާ ފެނުމުން ގަބޫލުކުރަން ވެސް ދަތިވި މިއީ އަހަރެންގެ ދަރިފުޅުކަން. އަހަރެން ހީކުރީ ދުވަހަކުވެސް ދަރިފުޅު ދުށުމުގެ ނަސީބެއް ނުލިބޭނޭ،" މެލީސާގެ މަންމަ އަލްޓާ އަޕެންޓެންކޯ ބުންޏެވެ.
އަލްޓާ ބުނި ގޮތުގައި މެލީސާ ހޯދަން އެފްބީއައި އާއި ފުލުހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބެ އެވެ. އެމީހުން އޭނާ ހޯދީ ޑީއެންއޭ ޓެސްޓިންގެ އެހީގަ އެވެ.
މެލީސާގެ މަންމަ ބުނި ގޮތުގައި މެލީސާ ބަލާނެ ބޭބީސިޓާއެއް ހޯދަން އޭނާ ނޫހުގައި އިޝްތިހާރެއް ޖެހި އެވެ. އެއީ އޭނާއަކީ ތަނެއްގައި މަސައްކަތްކުރާ މީހަކަށް ވާތީ ޑިއުޓީއަށް ދާ ވަގުތުތަކުގައި މެލީސާ ބަލައިދިނުމަށެވެ.
މި އިޝްތިހާރަށް އިޖާބަދީ މީހަކު އައެވެ. އެމީހާ އައިއިރު މެލީސާގެ މަންމަ ހުރީ ޑިއުޓީގަ އެވެ. މެލީސާ އޮތީ އޭނާގެ މަންމަގެ ރޫމް މޭޓްގެ ހަވާލުގައެވެ.
ބޭބީ ސިޓާ ބޭނުންވީ އޭނާގެ ގެޔަށް މެލީސާ ގެންގޮސްގެން ބަލައިދޭށެވެ. އެހެންވެ މެލީސާގެ މަންމަގެ އެދުމުގެ މަތިން އޭނާއާ މެލީސާ ހަވާލު ކުރީ އެވެ. ނަމަވެސް މެލީސާ ގޮވައިގެން ދިޔަ ގޮތަށް އެމީހާ ފިލީ އެވެ.
ދަރިފުޅު ގެއްލުނު ހާދިސާގެ ސަބަބުން މެލީސާގެ މަންމައަށް ނަފްސާނީ ގޮތުން އުނދަގޫތައް ކުރިމަތިވި އެވެ. އެ ހާދިސާ ލޯ ކުރިމަތީ އަބަދާ އަބަދު ތަމްސީލުވަމުންދިޔަ އެވެ. އޭގެ ފަހުން އޭނާއަށް ހަތަރު ދަރިން ލިބުނެވެ. ނަމަވެސް މެލީސާގެ ހަނދާންތަކާ ވަތްކެއް ނުވެވުނެވެ. އަދި އޭނާ ހޯދުން ވެސް ހުއްޓާނުލާ ކުރިޔަށް ގެންދިޔަ އެވެ.
"މެލީސާ ގެއްލުނީ އަމިއްލަ އިހްމާލުން ކަމަށް ގަބޫލުކޮށް އެ ކުށުގެ ޒިންމާ ބޮލުގައި އަޅައިގެން މަންމަ އުޅޭތާ 50 އަހަރު ވެއްޖެ. މި މުއްދަތުގެ ތެރޭގައި މުޅި މުޖުތަމައުން މަންމައަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދިޔަ. ފާޑުފާޑުގެ މަލާމާތްކޮށް އެއްޗެތިކީ. މަންމަ އޭނާގެ ދަރިފުޅު މަރާލިއްޔޭ ނުވަތަ އެނޫންވެސް ކޮންމެވެސް ކަމެއް ކުރިއްޔޭ ކިޔައިގެން މީހުން ވާހަކަތައް ފަތުރަމުންދިޔަ. އެހެންވެ މެލީސާ ފެނުމަކީ އަދި އަނބުރާ އަހަރެމެންގެ އާއިލާއާ ގުޅުމަކީ މަންމައަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" މެލީސާގެ އަންހެން ކޮއްކޮއެއް ބުންޏެވެ.
މެލީސާގެ އާއިލާގެ އިލްތިމާސްއަކީ މިގޮތަށް ދަރިން ގެއްލިފައިވާ އާއިލާތަކުން އުންމީދު ކަނޑާނުލައި އެކުދިން ހޯދަން މަސައްކަތް ކުރުމެވެ. އޭރުން ކޮންމެވެސް ދުވަހަކުން ކާމިޔާބު ލިބޭނެކަން ޔަގީން ކުރުމަށެވެ.