ބޮލީވުޑް

މަލައިކާގެ އާ ޝޯގައި ދަރިފުޅު އަރްހާން ވެސް ބައިވެރިވޭ

އޯޓީޓީ ޕްލެޓްފޯމެއްގައި މުޅިން އާ ޝޯ އަކާއެކު ބެލުންތެރިންނާ ބައްދަލުކުރަން މަލައިކާ އަރޯރާ ތައްޔާރުވެއްޖެ އެވެ.

މި ޝޯގެ ނަމަކީ "މޫވިން އިން ވިތު މަލައިކާ" އެވެ. މި ޝޯގައި މަލައިކާގެ ސީދާ ސާދާ އެހެނަސް ވިދާ ބަބުޅާ ދިރިއުޅުން ފެނިގެން ދާނެ އެވެ.

ޑިޒްނީ+ހޮޓްސްޓާ އިން ދައްކާ 16 އެޕިސޯޑުގެ މި ސީރީޒްގައި މަލައިކާ އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ބެލުންތެރިންނާ ހިއްސާ ކުރާނެ އެވެ. އަދި ޑިޖިޓަލް ޝޯއެއްގައި ބައިވެރިވި ސަބަބުވެސް ކިޔައިދޭނެ އެވެ.

މަލައިކާ ބުނި ގޮތުގައި މި ޝޯގައި ބައިވެރިވާން އެއްބަސްވީއްސުރެ އޭނާއަށް ހަމަ ނިދި ނުލިބެ އެވެ. މިފަދަ ޝޯއަކަށް އޭނާ ތައްޔާރުތޯ އަމިއްލަ ނަފްސާ ވަރަށް ގިނައިން ސުވާލު ވެސް ކުރެވުނެވެ.

އާންމުކޮށް ދައްކާ ޝޯ ތަކާ ޚިލާފަށް މިއީ ރިއަލިޓީ ޝޯއެއް ނޫނެވެ. މި ޝޯގައި 24 ގަޑިއިރު ކެމެރާތައް ހަރުކޮށްގެން މަލައިކާ ކުރާ ހުރިހާ ކަމެއް ނުދައްކާނެ އެވެ. ޝޯގައި ދައްކާނީ ހަމައެކަނި އޭނާގެ ދިރިއުޅުމުގައި ފާހަގަ ކުރެވޭ ބައެއް ކަހަލަ އިވެންޓް ތަކެވެ.

މި ޝޯގައި މަލައިކާގެ 19 އަހަރުގެ ދަރިފުޅު އަރްހާން ޚާން ވެސް ބައިވެރިވެ އެވެ. އަދި ޝޯގައި ބައިވެރިވެވޭތީ އަރްހާން ވަރަށް އުފަލުން ހުރިކަމަށް މަލައިކާ ބުންޏެވެ.

"ޝޯ ކުރިޔަށް ދާނެ ގޮތެއް ބަލާހިތުން އޭނާ ހުރީ ކެތްމަދުވެފައި. މި ޝޯގައި އަރްހާން އަހަންނާއެކު ބައިވެރިވާނެ. އޭނާއާއެކު ޝޫޓްކުރަން ފެށޭ ދުވަހަކަށް އަހަރެން ވެސް އިންތިޒާރުކުރަން. އަދި ވަރަށް ގިނަ ޝޫޓިންގް ބާކީ އެބައޮތް. ޚާއްސަކޮށް އަރްހާން އާއެކު ޝޫޓްކުރާ ބައިތައް އަދި އޮތީ ކުރިޔަށް. މިވަގުތު އަރްހާން ހުރީ ކިޔަވަން ގޮސް ބޭރު ގައުމެއްގައި. އޭނާގެ ބައި ޝޫޓް ކުރެވޭނީ އެނބުރި އައިމަ،" މަލައިކާ ބުންޏެވެ.

އަރްހާން އަކީ ވެސް ފިލްމީ މަސައްކަތަށް ޝައުގުވެރިވާ ޒުވާނެކެވެ. އަދި އޭނާ ކިޔަވަނީ ވެސް އެ ރޮނގުންނެވެ. އެހެންކަމުން މި ޝޯއާ ގުޅޭ ވަރަށް ގިނަ ޚިޔާލުތައް ވެސް އަރްހާންގެ ވެސް ހުރި ކަމަށް މަލައިކާ ބުންޏެވެ.

"އެންމެ މަޖާ ކަމަކީ ޝޯގައި ބައިވެރިވަންޏާ ފައިސާ ލިބޭނެ ދޯއޭ އަރްހާން އަހައިފި،" ހެމުން ހެމުން މަލައިކާ ބުންޏެވެ.

އަރްހާން އަކީ މަލައިކާ އާއި އެކްޓަރު އަރްބާޒް ޚާންގެ ދަރިއެކެވެ.

ޑިޒްނީ+ހޮޓްސްޓާ އިން "މޫވިން އިން ވިތު މަލައިކާ" ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.