ދުނިޔެ

ގަތަރުން ދުނިޔެއަށް ގޭސް ސަޕްލައިކުރަން ބޯޓު ބަންނަނީ

ގަތަރުން ދުނިޔެއަށް ގުދުރަތީ ގޭސް ސަޕްލައިކުރަން އުއްމީދުކުރާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ މިނިސްޓަރު ސާދު ސުރައިދަތު ކާބިއްޔު ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ބޮޑު މާކެޓަކަށް ގުދުރަތީ ގޭސް ސަޕްލައިކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ގޭސް އުފުލަން ބޭނުންވާ އުޅަނދު ހޯދުން ކަމަށެވެ.

ސާދު ވިދާޅުވި ގޮތުގައި ގަތަރަށް ދެތިން އިޚުތިޔާރެއް އެބަ އޮތެވެ. އެއް ގޮތަކީ މުޅިން އާ ގޭސް ފައުޖެއް -- ގޭސް އުފުލާ ބޯޓުތަކެއް ގަތުމެވެ.

ގަތަރުން ހުށަހަޅާ ފެންވަރަށް ގޭސް އުފުލައިދޭން ބަޔަކު ތައްޔާރު ނަމަ އެއީ ވެސް އޮތް ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަތަރުގެ ހަކަތަކާ ބެހޭ މިނިސްޓަރު ޖަރުމަނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިކަމާ ބެހޭ ގޮތުން އިތުރު ވާހަކަތަކެއް ވެސް ދެއްކެވި އެވެ. އެއީ ޖަރުމަނަށް ގޭސް ވިއްކުމުގެ ވާހަކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގަތަރުން ފުރަތަމަ ގޭސް ޑީލެއް ހަދަނީ އެމެރިކާެއާ އެކު އެވެ. އެ ގޮތުން އެމެރިކާގެ ކުންފުނިތައް މެދުވެރިކޮށް ޖަރުމަނަށް ގޭސް ސަޕްލައިކުރާ ގޮތަށެވެ.

ގަތަރުން ޖަރުމަނާ އެކު ހެދި ގޭސް އެއްބަސްވުމުގައި 2026 އިން ފެށިގެން އަހަރަކު ދެ މިލިއަން ޓަނުގެ ގުދުރަތީ ގޭސް ޖަރުމަނަށް ސަޕްލައިކުރާނެ އެވެ.

އެމެރިކާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގަތަރުން އެމެރިކާ ކުންފުނިތަކަށް ގޭސް ސަޕްލައިކުރާ އަދަދެއް އަދި މުޅިން ސާފެއް ނުވެ އެވެ.

ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން ގަތަރުން އެމެރިކާއާ އެކު ހެދި ގޭސް ޑީލްގައި، ގައުމުތަކަށް ގޭސް ސަޕްލައިކުރުމުގައި މެދުވެރިވާނީ އެމެރިކާގެ ކުންފުނިތަކެވެ. އެނޫން ގޮތެއްގައި ދުނިޔެއަށް ގޭސް ސަޕްލައިކުރަން ގަތަރުން ބޭނުންކުރާނީ އަމިއްލަ ބޯޓުފަހަރެވެ.

ހަބަރުތައް ބުނާ ގޮތުން ގަތަރުގެ ގޭސް ފައުޖަށް ބޭނުންވާ ބޯޓުތައް ޗައިނާ އާއި ދެކުނު ކޮރެއާގައި މިހާރު އެބަ ބަނދެ އެވެ. މި މަސައްކަތަށް މުޅިން އާބޯޓުތަކެއް ނެރެން ގަތަރުން ނިންމައިފިނަމަ އޭގެ މާނަ އަކީ ގައުމުތަކަށް ގޭސް ސަޕްލައިކުރުމުގައި ގަތަރު ބޮޑު ބާރަކަށް ވާން ބޭނުންވާ ކަމެވެ.

ގަތަރުން ޖަރުމަނަށް ގޭސް ސަޕްލައިކުރުމުގައި އެހާ ގިނަ ދުވަސް ނަގާ ސަބަބެއް ކަމަށް ސާދު ވިދާޅުވީ ގޭސް ބޯޓުތައް ޖަރުމަނުގެ ބަނދަރަށް ކައިރިކޮށް ގޭސް ހުސްކުރެވޭނެ ނިޒާމެއް ޖަރުމަނުގައި ނެތުމުން ކަމަށެވެ.

ޖަރުމަނަށް ބޭނުންވާ ގޭސް މީގެ ކުރިން ހޯދީ ރަޝިއާއިންނެވެ. އެއީ ނޯޑް ސްޓްރީމް ހޮޅިތައް މެދުވެރިކޮށެވެ. މި ގޮތުން ޖަރުމަނަށް ބޭނުންވާ ގޭސް ސަޕްލައި ކުރެވެނީ ކަނޑުއަޑިންނެވެ.