ނައިފަރު

ނައިފަރަށް އަމާޒުކޮށް ކުނި މެނޭޖް ކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ޅ. ނައިފަރުގެ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށް ކުނި މެނޭޖްކުރުމާބެހޭ ވޯކްޝޮޕެއް ބާއްވައިފި އެވެ.

ބ. އަތޮޅު މާޅޮހު ގައި މި ވޯކްޝޮޕެއް ބޭއްވީ، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މާޅޮހު ކައުންސިލާއި ނައިފަރު ކައުންސިލް ގުޅިގެން ހިންގި ޕްރޮގްރާމެއްގެ ތެރެއިންނެވެ.

ރާއްޖޭގެ އުތުރުގެ ރަށްރަށުގެ ތެރެއިން ބ. މާޅޮހަކީ ރަށުފެންވަރުގައި އެންމެ ރަނގަޅަށް ކުނި މެނޭޖްކޮށް ކޮމްޕޯސް ކުރަމުންދާ އެއްރަށެވެ. އެރަށުގެ ކައުންސިލުން ކުނި މެނޭޖް ކުރަނީ ފީއެއް ނަގައިގެންނެވެ. އަދި އެރަށުގައި އުކާލާ ކުނިން ކާދު އުފައްދައިގެން ވިއްކައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ނ، ރ، ބ އަދި ޅ އަތޮޅުގެ ކުނި ނައްތާލުމުގެ ކަންކަން މެނޭޖްކުރާ މައި މަރުކަޒު ރ. ވަންދޫގައި ހުޅުވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސަރަހައްދުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅާއިރު، ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، ކައުންސިލްތަކަށް ތަމްރީން ދޭ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

މާޅޮހުން ތަމްރީނު ހޯދައިގެން މިހާރުވެސް، ރ. އަތޮޅުގެ ހަ ރަށެއްގައި ކުނި މެނޭޖްކޮށް ބެލެހެއްޓުމުންދާކަން އެމިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަނީ ނ، ރ، ބ އަދި ޅ. އަތޮޅުގަ އެވެ. އެ ހަތަރު އަތޮޅުގެ 45 ރަށުގެ ތެރެއިން 10 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތްކުރެ އެވެ.