ރައީސް މުހައްމަދު ނަޝީދު

އިންޑިއާގެ އެހީ ރިޒާވްގެ މައްސަލައަށް އޮތް ވަގުތީ ހައްލެއް: ނަޝީދު

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ އެހީ އަކީ ނެތެމުންދާ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ލިބިގެންދިޔަ ވަގުތީ ހައްލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ އިން ދިން 100 މިލިއަން ޑޮލަރުގެ ރަމްޒީ ޗެކް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަމަޖަައްސައިދިން 100 މިލިއަން ޑޮލަރާ ގުޅިގެން ރައީސް ނަޝީދު ވަނީ ޓްވީޓެއްގެ ޒަރިއަޔާއިން އިންޑިއާ ސަރުކާރަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާގެ ތެރެއިން ހަމަޖެހުނު އަދަދެކެވެ.

ފޮރިން މިނިސްޓްރީން ބުނީ 100 މިލިއަން ޑޮލަރު އިންޑިއާ އިން ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ކަމަށެވެ.