މޯލްޑިވްސް ޕޮލިސް ސާވިސް

ޝިމާޒަށް ދިން ހަމަލާ: އެކަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އަށް ބަޔަކު މަގުމަތިން ދިން ހަމަލާއާ ގުޅިގެން އެކަކު ހައްޔަރު ކޮށްފި އެވެ.

އަަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިމާޒަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 22 ވަނަ ދުވަހު އެެވެ.

އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ 10 ދުވަސް ޖަހާފަ އެވެ.

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޝިމާޒް މަގާމުން ވަކިކޮށްދޭން މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.

ޝިމާޒަށް ހަމަލާދީފައިވަނީ އޭނާއާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ވެހިކަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މިނިސްޓަރު ކުރައްވާ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް ޝިމާޒު ދޮގުކުރައްވަ އެވެ.

ބަޔަކު މީގެކުރިން ވަނީ ޝިމާޒަށް އިންޒާރުދީ އޭނާގެ ސައިކަލްގެ މަޑި ވެސް ކަފާލާފަ އެވެ.