އެމްއެމްޕީއާރްސީ

ނޯޑިކް ސަރަޙައްދުގެ ނޫސްވެރިން ރާއްޖެ އިޝްތިހާރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދިން ދައުވަތަކަށް، ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލް ކުރާ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

މި ދަތުރުގެ އަމާޒަކީ ނޯޑީކް މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް، ހާއްސަކޮށް ލަގްޒަރީ އަދި ގެސްޓްރޮނޮމީ ސެގްމަންޓު އިތުރަށް އިޝްތިހާރު ކުރުމެވެ.

އުތުރު ޔޫރަޕްގެ ގައުމުތައް ނިސްބަތްވާ ނޯޑިކް ސަރަހައްދުން ރާއްޖެއަށް ޒިޔާރަތް ކުރި ނޫސްވެރިންގެ ދަތުރު ކުރިއަށް ދަނީ މިމަހު 25 އިން ފެށިގެން ޑިސެންބަރު އެއްވަނަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުގެ ސަބަބުން ނޯޑިކް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިން އިތުރުވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ނޯޑިކް މާކެޓުގެ ތަފާތު ސެގްމަންޓްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތައް ކަމަށްވާ ސޮންޑަގް, ވެގަބޮންޑް ރެއިސެލިސްޓް އަދި ޑަގްބްލެޑެނެސް ބިއުރޯގެ ޖާނަލިސްޓުންނާއި ބްލޮގާސް މި ދަތުރުގައި ބައިވެރިވެ އެވެ. އަދި މި ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ރިސޯޓުތަކުން ލިބެން ހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި ގޭސްޓްރޮނޮމީ، ވެލްނެސް އަދި ވޯޓާ ސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް ނޯޑިކް މާކެޓަށް ދައްކާލާނެ އެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ނޯޑިކް ސަރަހައްދުގައި ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެ އެވެ.

"ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ އެއް މަންޒިލްކަންވެސް މި ދަތުރުގެ ޒަރިއްޔާ އިން މާކެޓްކުރާނެ" އެމްއެމްޕީއާރުސީއިން ބުނެ އެވެ.

މި ދަތުރުގައި ނޯޑިކް މީޑިއާ ޓީމު ތިބޭނީ ސަން ސިޔާމް އިރުވެލީގަ އާއި، ފެއާމައުންޓް މޯލްޑިވްސް ސިއްރު ފެންފުށީގެ އިތުރުން ލެ މެރީޑިއަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާގަ އެވެ.

މި ޓީމުން މި ރިޒޯ ޓުތަކުގެ ހައި-އެންޑް އެޑްވެންޗާތަކާއި، ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މެހްމާންދާރީ އާއި ތަފާތު ކެއުންތައް ތަޖުރިބާ ކުރަމުން ދާނެ ކަމަށްވެސް އެމްއެމްޕީއާރްސީއިން ބުނެ އެވެ.

އުތުރު ޔޫރަޕުގެ ގައުމުތަކުގެ މާކެޓުން އަބަދުވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހު 14ގެ ނިޔަލަށް މި މާކެޓުން ވަނީ ރާއްޖެއަށް 29،666 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ފަތުރުވެރިންގެ އިތުބާރު ހޯދާފައިވާ މަންޒިލެކެވެ. މިއަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގައި ރާއްޖެ ވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރު ކާމިޔާބު ކޮށްފަ އެވެ.