އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުންނަވަނިކޮށް މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ސިވިލް ސާވިސް ކޮމިޝަނުން ދީފައި ނުވާތީ އަނެއްކާވެސް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ފުރަތަމަ މުސްއަބް ދައުވާ ކުރީ އަނބުރާ ވަޒީފާ ހޯދުމަށާއި އޭނާ ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބެންދެން ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށެވެ.
މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން އަންގާފައިވަނީ މުސްއަބު ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ދައުލަތުން 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ.
އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަމުރު ނެރުނީ ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލުކޮށްފައި ނުވާތީ މިމަހުގެ 27ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރުމަށެވެ.
ނަމަވެސް ސީއެސްސީން އެ ފައިސާ ލިބިފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ އަމުރެއް ނެރެދިނުމަށްވެސް މުސްއަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.
މުސްއަބް ހައިކޯޓުގައި ކުރި ދައުވާގައި އަލުން އެ ވަޒީފާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާތީ ކޯޓުން ހުކުމްކޮށްފައިވަނީ ހަމައެކަނި ބަދަލު ނަގައިދިނުމަށެވެ.