ސުޕްރީމް ކޯޓް

މުސްއަބަށް ބަދަލު ނުދޭން މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުންނަވަނިކޮށް މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލު ދޭން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުސްއަބަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ހައިކޯޓުން ސީއެސްސީއަށް އަމުރުކުރީ މިދިޔަ އޮގަސްޓް މަހު އެވެ.

ހައިކޯޓުން މިގޮތަށް އަމުރުކުރީ މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލުކޮށްފައިނުވާތީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރުމަށް ސިވިލް ކޯޓުންވެސް އަންގާފައިވެ އެވެ.

ސީއެސްސީ އިން އެ ފައިސާ ލިބިފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ އަމުރެއް ނެރެދިނުމަށް މުސްއަބްގެ ފަރާތުން ސިވިލް ކޯޓަށް ފަހުން މައްސަލައެއްވެސް ހުށަހަޅާފައިވެ އެވެ.

މުސްއަބް ހައިކޯޓުގައި ކުރި ދައުވާގައި އަލުން އެ ވަޒީފާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާތީ ކޯޓުން ހުކުމްކޮށްފައިވަނީ ހަމައެކަނި ބަދަލު ނަގައިދިނުމަށެވެ.