ތިލަމާލެ ބްރިޖް

ބްރިޖުގެ މަަސައްކަތް ކުރިއަށްދާ ގޮތް ކޮމިޓީން ބަލައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި ދިރާސާކުރުމަށް ބްރިޖުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ޖޮއިންޓް ކޮމިޓީގައި ހިމެނެނީ އިންޑިއާ އާއި ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނެވެ.

ރާއްޖޭގެ ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އިއްޔެ ބޭއްވީ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީގެ ފަސްވަނަ ބައްދަލުވުމެވެެ.

މިބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ބްރިޖުގެ މަަސައްކަތްތަކާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށްވެސް މިނިސްޓްރީން ބުނެ އެެވެ.

ޖޮއިންޓް ކޮމިޓީގެ މެންބަރުން އިއްޔެ ވަނީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ސައިޓަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މާލޭ ކޮޅުގައި މިހާރު ނިމިފައިވާ ބްރިޖުގެ ލޭންޑް ޕައިލިން މަސައްކަތާއި އަދި ފުރަތަމަ މެރީން ޓެސްޓް ޕައިލްގެ އިތުރުން ސައިޓުގައި ހިނގަމުންދާ އެހެނިހެން މަސައްކަތްތައް އެބޭފުޅުން ބެއްލެވި އެެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖުގެ އަމަލީ މަސައްކަތާއި ކަމާ ގުޅޭ ސާވޭ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަަރައިގެން ލިބުނު ގެއްލުމާ ގުޅިގެން އެފްކޯންސް ކުންފުނި ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ.