މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހުޅުމާލޭގައި ހަދާ އޮފީސް އިމާރާތް ޖެނުއަރީ އެކެއްގައި ހުުޅުވަނީ

ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް މިއަހަރު ނިންމާ، ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހު އެ އިމާރާތުގައި ސަރުކާރުގެ އިދާރާތައް ހިންގުމުގެ މަަސައްކަތް ރަސްމީކޮށް ފަށާނެ ކަމުގައި ޕްލޭނިން މިނިސްޓީން ބުނެފި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޖެނުއަރީ އެއްވަނަ ދުވަހު އިމާރާތުގައި އޮފީސްތަކުގެ މަަސައްކަތް ރަސްމީކޮށް ފެށޭވަރަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މިހާރު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތް. މިމަހު ތެރޭގައި އޮފީސްތައް މޫވްކުރަން ފުރުސަތުދީ ޖެނުއަރީ އެކެއްގައި ހުޅުވޭވަރުވާނެ ކަމަށް މިހާރު ލަފާކުރެވެނީ،" އަކްރަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އިމާރާތުގެ މަސައްކަތް މިދިޔަ މަހު ނިންމާ މިމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމުގަ އެވެ.

މި އިމާރާތް ހެދުމަށް ސަރުކާރުން ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.

ޕްލޭނިން މިނިސްޓރީން ނިންމާފައިވަނީ ހުޅުމާލޭގައި ހަދާ އޮފީސް އިމާރާތުގެ ގުރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ޕާކިން އޭރިއާއެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. ދެވަނަ ފަންގިފިލާގައި ޖެންޑާ މިނިސްޓްރީ ހިންގަން ހަމަޖައްސާފައިވާއިރު ތިންވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ހުންނާނީ ރާއްޖޭގައި މުޅިން އަލަށް ހުޅުވާ އެމެރިކާގެ އެންބަސީ އެވެ. ފަސްވަނަ ފަންގިފިލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް ހިންގަން ހަމަޖައްސާފައިވާ އިރު އެންމެ މަތީގައި ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމް އަދި ޓެރަސްއެއް ވަނީ ހަދާފަ އެވެ.

ސަރުކާރުގެ އޮފީސްތައް ހިންގަން އިމާރާތުގެ ދަތިތައް ކުރިމަތިވީ ހުރަވީ ބިލްޑިން ބޭނުން ނުކުރެވޭ ވަރުވެ އެ އިމާރާތް ތަޅާލަން ޖެހުމާ ގުޅިގެންނެވެ. ހުރަވީ ބިލްޑިންގައި ހުރި އޮފީސްތައް މިހާރު ހިންގަނީ އަމިއްލަ މީހުންގެ ގޭގައި ބޮޑު ކުލި ދައްކައިގެންނެވެ. އެފަދަ ކުލިތައް ދެއްކުން ވަނީ ދައުލަތަށް މާލީ ބުރައަކަށް ވެފަ އެވެ.