ފަހި ދިރިއުޅުން ކޯޕަރޭޝަން

ފަހި ދިރިއުޅުމުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

Nov 30, 2022

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ދެ ބޭފުޅަކު އައްޔަންކޮށްފި އެެވެ.

ފަހި ދިރިއުޅުމުގެ ބޯޑަށް މިއަދު އައްޔަންކުރީ މއ. އަކިރިފުށި ދެކުނުބައި، ނަޖީލް އަހްމަދާއި، މއ. އެރިޒޯނާ، މަރިޔަމް ނާޒިމާ އެވެ.

ބޯޑަށް ނާޒިމާ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މއ. މަނަސް، ރިޔާޒު މަންސޫރުގެ ބަދަލުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ނާޒިމާ ވަނީ އިންޑިއާގެ ގުރޫ ގޯބިންދް ސިންގް އިންޑްރާޕްރަސްތާ ޔުނިވަސިޓީން ހިއުމަން ރިސޯސް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާ އިން މާސްޓާޒް ހާސިލް ކުރައްވާފަ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ކޮމާސް އިން ހިއުމަން ރިސޯސަސް މެނޭޖުމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލް ކުރައްވާފަ އެވެ.

ނާޒިމާ މީގެ ކުރިން ވަނީ އެމްޕްލޮއިމަންޓް ޓްރައިބިއުނަލް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ނަޖީލް އަހްމަދު ވަނީ ޔުނިވަސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގައި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ނަޖީލް ވަނީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް އެކައުންޓެންޓްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފެއްދެވީ މާޗް 12، 2019 ގައެވެ.