ޗިލީގެ ގައުމީ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ޖޯޖް ސަމްޕޯލީ ޗެލްސީގެ ކޯޗަކަށް ގެނައުމަށް އެކުލަބުން މަސައްކަތް ފަށައިފި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
އަންނަ ސީޒަނަށް އާ ކޯޗަކު ހޯދަން ޗެލްސީން މަސައްކަތް ފަށާފައިމިވަނީ ކޯޗު ކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހު އެވެ. ސީޒަން ނިމެންދެން ޗެލްސީއަށް މިހާރު ކޯޗުކޮށްދެމުން އަންނަނީ ކުލަބުގެ ވެރިޔާ ރަޝިޔަގެ ރޯމަން އަބްރޮމޮވިޗްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ގުސް ހިޑިންކެވެ.
ސަމްޕޯލީ ޗިލީއާއެކު ކޮންޓްރެކްޓް އާނުކުރަން ނިންމި އެއް ސަބަބަކީ އޭނާގެ ކޮންޓްރެކްޓްގެ މައުލޫމާތުތައް ލީކުވުމެވެ. އުމުރުން 55 އަހަރުގެ ކޯޗު ވަނީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ޗިލީ އަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ކުރީ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާ ޗިލީއާއެކު ރަނގަޅި ނަތީޖާތަކެއް ހޯދި އެވެ.
ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމަށް މިދިޔަ އަހަރު ނޮމިނޭޓްވެ ތިން ވަނަ ލިބުނު ސަމްޕޯލީގެ ބަދަލުގައި ޗިލީގެ ކޯޗުކަމާ ހަވާލުވާނީ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު މެނުއަލް ޕެލެގްރިނީ ކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޕެލެގްރީނީ ބުނީ މިދިޔަ ތިން އަހަރެއްހާ ދުވަހު އޭނާ ޗިލީއަށް ނުދާ ކަމަށާއި އެއީ ހަގީގަތެއްނެތް ވާހަކައެއް ކަމަށެވެ.
ނަމަވެސް މި ސީޒަނަށް ފަހު ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވާނެ ކަމަށް ގިނަ ބަޔަކު ޔަގީންކުރަމުންދާއިރު ޕެލެގްރީނީގެ މަގާމު ދެމި ނޯންނާނެ ކަމަށް ވެސް ވަނީ ޔަގީންކުރެވިފަ އެވެ.