އެމްއެމްއޭ

ނިޝާން ޖެހި 50 ރުފިޔާ ބާޒާރަށް

ދިވެހި ރުފިޔާގެ ނިޝާން ކަމަށް ކަނޑައެޅި ނިޝާން ޖަހާފައިވާ ފުރަތަމަ ނޫޓުކަމަށްވާ 50 ރުފިޔާގެ އަލަށް ޗާޕުކުރި ނޫޓު ބާޒާރުގައި ދައުރުކުރަން ފަށައިފި އެވެ.

އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައާއި އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުގައެވެ.

މަރުކަޒީ ބޭންކް-- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 50 ރުފިޔާގެ ނޫޓު އަލަށް ޗާޕުކުރީ 50 ރުފިޔާގެ ސްޓޮކް މަދުވުމުން ނެވެ. ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ އަށެއް ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

މިނޫޓު ދައުރުވި ނަމަވެސް މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި ޒަމާނީ ކަރުދާހުގައި ސެކިއުރިޓީއާ ފީޗާތައް ހިމަނައިގެން ތައާރަފު ކުރި ނޫޓުތަައް ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނު ވުމުގެ މުނާސަބަތާ ގުޅުވައިގެން 2016 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައެވެ.