އެޓާނީ ޖެނެރަލް

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރަން ސުޕްރީމް ކޯޓުގެ ލަފާ

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ސަރުކާރަށް ދެ ލަފައެއް ދީފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ބައެއް ފަރާތްތަކާއި ބައްދަލުކޮށް ހިޔާލު ހޯދާފަ އެވެ.

އެގޮތުން އެޓާނީ ޖެނެރަލް އޮފީހުންވަނީ ސުޕްރީމް ކޯޓުގެ ލަފާ ހާމަކޮށްފަ އެވެ.

އޭޖީ އޮފީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ހަތަރު ފަނޑިޔާރަކު ބައިވެރިވެވަޑައިގަތެވެ.

އެ ކޯޓުގެ ފުރަތަމަ ލަފައަކީ ހަތް މެންބަރުން ހިމެނޭ ކޮމިޝަނެއް އެކުލަވާލުމެވެ. އެ ކޮމިޝަންގައި ހިމެނުމަށް ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ތިން ފަނޑިޔާރުންނާއި ބަންޑާރަނައިބުުގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ތައުލީމީ ރޮނގުން ނުވަތަ ސިއްހީ ދާއިރާއިން މަދުވެގެން 35 އަހަރުގެ ތަޖުރިބާ ލިބި ރިޓަޔާކޮށްފައިވާ ތިން ފަރާތެކެވެ.

ސުޕްރީމް ކޯޓުގެ ދެވަނަ ލަފާގައި ހިމަނާފައިވަނީ ފަސް މެންބަރުންގެ ކޮމިޝަނެކެވެ އެއީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލެއް ހިމެނޭ ކޮމިޝަނެކެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާ ފަނޑިޔާރުން ހިމެނުން ރަނގަޅު ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ފާހަގަ ކުރެއްވި އެވެ. އެއާއެކު އެއީ މިވަގުތު އެންމެ އެކަށީގެންވާ ގޮތެއްތޯ ވިސްނާލުން މުހިންމު ކަމުގައި ބައެއް ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށާއި ކޮމިޝަނަށް މެންބަރުން ހޮވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ކޮމިޝަންގައި ގާނޫނީ ވަކީލެއް ހިމެނުމަކީ މުހިންމު ކަމެއް ނޫން ކަމަށް ބައެއް ފަނޑިޔާރުން ހިޔާލުފާޅު ކުރެއްވި އެވެ.