މިނިސްޓްރީ އޮފް ޓޫރިޒަމް

ބައިނަލްއަގުވާމީ ޓޫރިޒަމް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ބޭއްވި ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) ގެ ބައިނަލްއަގުވާމީ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ސަމިޓުގެ ފުރަތަމަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ސަމިޓުގައި ބައިވެރިވި އެކި ގައުމުތަކުގެ ޓުއަރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވި "ގްލޯބަލް ލީޑާސް ޑައިލޮގް" އެވެ.

ސީބީއެސް ނިއުސްގެ ޓްރެވަލް އެޑިޓަރު ޕީޓަ ގްރީންބާގް މޮޑަރޭޓް ކޮށް ކުރިއަށް ގެންގޮސްފައިވާ މި ޑައިލޮގް ފެއްޓެވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރާއި ޑަބްލިއުޓީޓީސީ ކައުންސިލްގެ ސީއީއޯ އަދި ޕްރެޒިޑެންޓްގެ އިތުރުން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ޑައިލޮގްގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ބައިވެރިވެވަޑައިގެން ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

ބައިނަލްއަގުވާމީ ސަމިޓު 2022 ކުރިއަށް ގެންގޮސްފައިވަނީ މަޝްވަރާ ބައްދަލުވުންތަކާއި ތަގްރީރުތަކާއި ޕެނަލް މަޝްވަރާތައް ހިމެނޭ ގޮތަށެވެ. މި ޕެނަލް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ތިމާވެށީގެ ގޮންޖެހުންތަކުގެ ހައްލެއްގެ ގޮތުގައި ފަތުރުވެރިކަން، ސާދާ ދިރިއުޅުމަކަށް ފަތުރުވެރިކަން، ފަތުރުވެރިކަން ފަހި ކުރުމަށް ޓެކްނޮލޮޖީ އާއި އީޖާދުތައް އަދި ގުޅިގެން މުސްތަގުބަލު ބިނާކުރުމުގެ ފަތުރުވެރިކަމެވެ.

މި ސަމިޓުގެ ތެރޭގައި ސަމިޓުގެ ތީމްއާ ގުޅޭ ތަފާތު ތަގުރީރުތައް ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ދުނިޔޭގެ ކުންފުނިތަކުގެ އިސްވެރިން ދެއްވާފައިވެ އެވެ.

މި ސަމިޓްގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އެހެން ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ކުންފުނީގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާފައިވެ އެވެ.

ޑަބްލިއުޓީޓީސީ ކައުންސިލްގެ ބައިނަލްއަގުވާމީ ސަމިޓްގައި މައުސޫމްއާއި އެކު ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް އާއި ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ތައްޔިބް ޝަހީމް އަދި ލީގަލް އޮފިސަރު އާމިނަތު ޝިއުނާ ބަޝީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.