ފިނިޕޭޖް

ފްލީޓްވުޑް މެކްގެ ކްރިސްޓީން މެކްވީ މަރުވެއްޖެ

އިނގިރޭސިވިލާތުގެ ލަވަ ކިޔުންތެރިޔާ، ލިޔުންތެރިޔާ އަދި ފްލީޓްވުޑް މެކްގެ ކުރީގެ މެންބަރު ކްރިސްޓީން މެކްވީ އުމުރުން 79 އަހަރުގައި މަރުވެއްޖެ އެވެ.

ކްރިސްޓީންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިސްޓީން މަރުވެފައިވަނީ ދުވަސްކޮޅަކު ބަލިވެ އުޅުއްވުމަށްފަހު މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެކި ބޭންޑްތަކުގައި މަސައްކަތްކުރުމަށްފަހު އިނގިރޭސި ބޭންޑް ފްލީޓްވުޑް މެކްއާ ވަގުތީ ގޮތުން ކްރިސްޓީން ގުޅުނީ 1968 ވަނަ އަހަރު އެވެ.

އޭގެފަހުން 1970 ވަނަ އަހަރު އެ ބޭންޑްގެ ރަސްމީ މެމްބަރަކަށްވެ، ކްރިސްޓީން ވަނީ ލީޑް ވޯކަލިސްޓް އަދި ކީބޯޑިސްޓްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. 1998 ވަނަ އަހަރު ސެމީ-ރިޓަޔާ ކުރުމަށްފަހު، ކްރިސްޓީން ތިން ސޯލޯ އަލްބަމް ނެރުނެވެ.

ކްރިސްޓީން ލިޔުމުގައި ބައިވެރިވެ އަދި ކިޔާފައިވާ ފްލީޓްވުޑް މެކްގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑޯންޓް ސްޓޮޕް"، އެވްރީވެއާ" އަދި "ލިޓްލް ލައިޒް" ހިމެނެ އެވެ.

ކްރިސްޓީންގެ މަރާ ގުޅިގެން އޭނާގެ ގާތް ލަވަކިޔުންތެރިންނާއި މިއުޒިކީ ދުނިޔޭގެ ފަންނާނުން ވަނީ ހިތާމަ ފޅުކޮށް މެސެޖުތައް ހިއްސާކޮށްފަ އެވެ.