ޔޫރަޕުން އެމެރިކާއަށް ބަރޯސާކުރަނީ ހައްދެއް، އިމެއްނެތި ކަމަށް ފިންލޭންޑްގެ ބޮޑުވަޒީރު ސަނާ މާރިން ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެކަން ވަރަށް ބޮޑަށް ހާމަވެއްޖެ ކަމަށެވެ.
"އެމެރިކާއާ ނުލައި ޔޫރަޕަށް ރައްކާތެރި ކަމެއް ނެތް ކަމަށް ގަބޫލުކުރެވޭ ކަހަލަ،" ސަނާ މާރިން ވިދާޅުވި އެވެ.
ފިންލޭންގެ ބޮޑުވަޒީރު މިވަގުތު އުޅުއްވަނީ އޮސްޓްރޭލިއާގަ އެވެ.
ސިޑްނީގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޔޫރަޕް ވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެންމެ އިތުބާރު ބޮޑު ގޮތް ކަމަށެވެ.
ޔޫރަޕުން އެމެރިކާއަށް ބަރޯސާކުރަނީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. ޔޫރަޕަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފުއްދުންތެރިކަމާއި އުފެއްދުންތެރިކަން ވެސް އިތުރުކުރުން ކަމަށެވެ.
ސަނާ މާރިން ވިދާޅުވީ ގޮތުގައި ޔޫރަޕަކީ ހަތިޔާރު އުފައްދާ ބައްރެކެވެ. އެހެންކަމުން އިތުރު އެހެން ގައުމަކަށް ކަމުކިޔުމުގެ ބަދަލުގައި އަމިއްލައަށް ހަތިޔާރު އުފައްދައި އަސްކަރީ ގާބިލުކަން ލިބިގަތުން އައުލާކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޚުލާސްތެރި ކަމާއެކު ބުނާނަމަ ޔޫރަޕަކީ މިހާރު އެއްވެސް ބާރެއް އޮތް ބައެއް ނޫން،" މާރިން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެމެރިކާއާ ނުލައި އަމިއްލައަށް ދިފާއުވުމުގެ ކުޅަދާނަކަންވެސް ޔޫރަޕްގައި ނެތް ކަމަށެވެ.
މާރިން ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެ ވަޑައިގެން އެމެރިކާގެ ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއިން ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ޔޫރަޕް އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހިފައި އޮތް ކަމަށް ކަމަށެވެ.
ޔުކްރޭން ބާރުވެރިކުރުމަށް އެމެރިކާއިން ކުރި އެއްވެސް ހޭދައަކުން ޔުކްރޭނަށް އެ ގާބިލުކަން އަދިވެސް ލިބިފައި ނުވާ ކަމަށް މާރިން ވިދާޅުވި އެވެ.
އެމެރިކާއިން ފޯރުކޮށްދިން އަސްކަރީ އެހީތަކާއި މާލީ އެހީތެރިކަމުން ޔުކްރޭނަށް – ހަގީގަތުގައި ކުރި އެއްވެސް ފައިދާއެއް ނެތް ކަމަށްވެސް މާރިން ވިދާޅުވި އެވެ.
ސަނާ މާރިން އިތުރަށް ވިދާޅުވީ ޔޫރަޕް އޮތީ އެހެން ގައުމުތަކަށް މާބޮޑަށް ހާޖަތުޖެހިފައި ކަމަށާއި ޔޫރަޕް މިހާރު އޮތް ހާލަތުން ސަލާމަތްކުރަން ޖެހިފައި އޮތް ކަމަށެވެ.