އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދެ ވަޒީރަކާ ސުވާލުކޮށްފި

Jan 20, 2016

ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފެއްދު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަހުގީގުގައި ސަރުކާރުގެ ބައެއް ވަޒީރުންނާ ސުވާލުކޮށްފި އެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ބުނެ، އެ މައްސަލައިގައި އޭސީސީ އިން އެއްވެސް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނުވި އެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީ އިން ސުވާލުކޮށްފައި ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާ އެވެ. އެ ދެ ބޭފުޅުންނާ ސުވާލު ކުރީ މީގެ ދެތިން ހަފްތާ ކުރިންނެވެ. ސުވާލު ކުރީ އެ ތަހުގީގުގެ ކޮން މައުލޫމާތެއް ސާފު ކުރަން ކަމެއް އޮޅުމެއް ނުފިލި އެވެ.

އޭސީސީގެ ނައިބު ރައީސް ވިދާޅުވީ ތަހުގީގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށާއި ނަމަވެސް ކޮމިޝަނުން ތަހުގީގެއްގައި ސުވާލު ކުރާ ފަރާތްތަކުގައި މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.

އޭސީސީ އިން ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔާތުއާ ވެސް ސުވާލުކޮށް މައުލޫމާތު ހޯދައިފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އެމްއެމްޕީއާރުސީ އިން ހިޔާނާތަށް މަގުފަހިވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ މައްސަލައިގައި 50 ހަކަށް ދައުވާ އަދީބާއި ޒިޔަތުގެ މައްޗަށް ކުރުމަށް މިހާރު ވެސް ޕީޖީއަށް ފުލުހުން ފޮނުވާފައިވެ އެވެ. އަދިވެސް އިތުރު މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭސީސީ އިން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ތަހުގީގު ލަސްނުވެ ނިންމާލާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާ ކަމަށެވެ.