ކުޅިވަރު

ކަންބޮޑު ނުވޭ، ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކަން: ޕެލޭ

ބްރެޒިލްގެ ސައޮ ޕައޮލޯގެ ހޮސްޕިޓަލަށް އޭނާ ދިޔައީ ސިއްހީ ހާލަތު ގޯސްވެގެން ނޫން ކަމަށާއި، އެއީ ކޮންމެ މަހަކު ގަވާއިދުން ކުރާ ޒިޔާރަތެއް ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޕެލޭ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕެލޭ ސައޮ ޕައޮލޯގައި ހުންނަ ހޮސްޕިޓަލްގައި އެނދުމަތި ކުރިކަމަށް ބުނެ އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކުރި އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ޕެލޭ އަށް ހިތުގެ މައްސަލައެއް ދިމާވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށެވެ. މި ހަބަރާ އެކު ޕެލޭގެ ސިއްހީ ހާލަތާ ގުޅުވައިގެން ދުނިޔޭގެ މީޑިއާގައި ހަބަރުތައް ފެތުރުނެވެ.

މީޑިއާގެ ވާހަކަތަކަށް ޖަވާބުދެމުން ޕެލޭ ބުނީ އޭނާ ކޮންމެ މަހަކު ހޮސްޕިޓަލަށް ދާކަމަށާއި، މިފަހަރުގެ ޒިޔާރަތަކީ ވެސް ކޮންމެ މަހަކު އާއްމު އުސޫލުން ހޮސްޕިޓަލަށް ކުރާ ޒިޔާރަތެއް ކަމަށެވެ.

"ހުރިހާ އެކުވެރިން. އަހަރެން ހޮސްޕިޓަލަށް އައީ ކޮންމެ މަހަކު ކުރާ ޒިޔާރަތުގެ ތެރެއިން. އަހަރެންނަށް ހެޔޮ އެދޭ އެންމެންނަށް ޝުކުރުއަދާ ކުރަން" ޕެލޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އުމުރުން 82 އަހަރުގެ ޕެލޭގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދުމުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސާޖަރީ އެއް ހައްދައިފަ އެވެ. އެހެންވެ އާއްމުކޮށް ޑޮކްޓަރަށް ދައްކަން ކޮންމެ މަހަކު ވެސް ޕެލޭ ހޮސްޕިޓަލަށް ދެ އެވެ.

ޕެލޭގެ އަންހެން ދަރިފުޅު، ކެލީ ނަސްކިމެންޓޯ ވެސް ވަނީ ބައްޕަގެ ސިއްހީ ހާލަތާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް އިންސްޓަގްރާމްގައި ޖަވާބުދީފަ އެވެ.

"ބައްޕަގެ ސިއްހީ ހާލަތުގައި އިމަޖެންސީއެއް ނެތް. ހޮސްޕިޓަލަށް ދިޔައީ އާއްމުކޮށް ފަރުވާ ހޯދާ އުސޫލުން ފަރުވާ ހޯދުމަށް" ނަސްކިމެންޓޯ ބުނެފައިވެ އެވެ.

ޕެލޭ ވަނީ ބްރެޒިލްއާ އެކު 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް 92 މެޗުގައި ޖަހައިދިން 77 ގޯލާ އެކު އޭނާ އޮތީ އެގައުމުގެ ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ. އަނެއްކޮޅުން ޕެލޭ އަކީ ހަތަރު ވޯލްޑް ކަޕްގައި ގޯލު ޖެހި ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ.