ދުނިޔެ

އިޒްރޭލުގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރެއްވަން އުޅުއްވި: ނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވަނީ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމަށް އަސްކަރިއްޔާ އަށް ހިތްވަރު ދެއްވާފައި ކަމަށް ބެންޖަމީން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ނަތަންޔާހޫ ވިދާޅުވީ އަސްކަރިއްޔާގައި ސިޔާސީ ފިކުރު އޮވެގެން ނުވާނެ ކަމަށެވެ.

އިޒްރޭލުގައި ސަރުކާރެއް އެކުލަވާލައްވައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ނަތަންޔާހޫއަށް އޮތީ އެ ގައުމުގެ ރައީސް އައިސަކު ހަރުޒޮގް ދައުވަތު ދެއްވާފަ އެވެ. އެހެން ނަމަވެސް ކޯލިޝަން ހެދުމުގައި ހުރި ދަތިތަކާ ހެދި ނަތަންޔާހޫއަށް އަދި ކުރިމަގެއް ފެނިވަޑައިގަންނަވާ ގޮތް އޮތީ ނުވެފަ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒްރޭލުގައި ދެން ގާއިމުވާނީ އޭނާގެ ސަރުކާރެކެވެ. އެެހެންކަމުން ސަރުކާރާ ދެކޮޅު އަމެއް ނުހިންގެވުމަށް ޔައިރު ލަޕިދުއަށް ނަސޭހަތްތެރިވެ ވަޑައިގަތުމަކީ އޭނާގެ ޒިންމާއެކެވެ.

އިޒްރޭލުގައި އަމަން ނަގާލެވޭ ގޮތަށް ސިޔާސީ ލިޑަރުން އިސްވެ ތިއްބަވައި އެއްވެސް އަމަލެއް ހިންގަވައިގެން ނުވާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އެފަދައިން ހިންގޭ އެއްވެސް އަމަލެއް އަޅާނުލައްވައި ދޫކޮށް ނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ -- އައިޑީއެފް އަކީ ބޮޑުވެ ފައްކާވެފައި އޮތް ބާރުގަދަ ޖަމާއަތެއް ގޮތަށް ނިސްބަތް ކުރެވުނު ނަމަވެސް، ނަތަންޔާހޫ ވިދާޅުވީ އެ މީހުން ތިބޭނީ ސިޔާސަތާ ދުރުގައި ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ގައުމު ހިންގުމުގެ ޒިންމާ ބޮޑުވަޒީރަށް އޮންނަ ފަދައިން ގައުމު އަސްކަރިއްޔާއަށް އޮތީ ގައުމު ދިފާއުކޮށް އަދި އަމަން ބެލެހެއްޓުން ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސަރުކާރާ ދެކޮޅަށް ބަޔަކު ނެރުމަކީ ދުވަހަކު ވެސް ކުރެއްވި ފިކުރެއް ނޫން ކަމަށެވެ. ކްނެސެޓްގައި -- ގާނޫންހަދާ މަޖިލީހުގައި ސިޔާސަތަށް ފާޑުވިދާޅުވިއެއް ކަމަކު ބަޣާވާތްކުރާ ހިސާބަށް ދުވަހަކު ވެސް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.