ފަަލަސްތީނާއި ފްރާންސަށް ނިސްބަތްވާ ގާނޫނީ ވަކީލު ސަލާހް ހަމްމޫރީ އިސްރާއީލުން ހިސާރުކޮށްފައިވާ ޖެރޫސަލަމް އިން ބޭރުކޮށް، ފްރާންސާ ހަވާލުކުރުމަށް ނިންމައިފި އެވެ.
މާދަމާ ތަންފީޒު ކުރަން ނިންމާފައި މި ނިންމުމަކީ އިސްރާއީލްގެ ދާހިލީ ވަޒީރު އަޔެލެޓް ޝަކެޑްގެ ނިންމުމެކެވެ. ޖެރޫސަލަމް އިން ބޭރުކުރަން ބޭނުންވާ ކޮންމެ މީހަކު ބޭރުކޮށްލުމުގެ ބާރު އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ދާހިލީ ވަޒީރަށް ބާރު ދީފައިވެ އެވެ.
ސަލާހް ގައުމުން ބޭރުކުރުމަށް ނިންމާފައިވަނީ އޭނާއާ ހަނގުރާމަވެރި ގުރޫޕްތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. ސަލާހަކީ ޓެރަރިސްޓެއް ކަމަށްވެސް އިސްރާއީލްގެ ބައެއް ސިޔާސީ ބޭފުޅުން ގަބޫލުކުރައްވަ އެވެ. ނަމަވެސް ސަލާހްގެ މައްޗަށް ތުހުމަތުކުރާ ޒާތުގެ އެއްވެސް ހެއްކެއް އިސްރާއިލްގެ އިދާރާތަކަށް އަދި ދެއްކިފައެއް ނުވެ އެވެ.
ސަލާހްއަކީ ފަލަސްތީން ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ގެންދާ ފަލަސްތީނުގެ އެޑަމީރް ޕްރިސޮނާސް ރައިޓްސް ގްރޫޕަށް ނިސްބަތްވާ ވަކީލެކެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ހިބާ މޮރަޔެފް ވިދާޅުވީ އިސްރާއީލުން ސަލާހް ގައުމުން ބޭރުކޮށްލަނީ ފަލަސްތީން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އޭނާ މަސައްކަތް ކުރައްވާތީ އެކަމަށް ހުރަސް އެޅުމަށް ކަމަށެވެ. އިސްރާއީލްގެ މިއަމަލުގެ ސަބަބުން އުތުރު ޖެރޫސަލަމްގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ އާބާދީ މަދުކުރުމަށް އިސްރާއީލުން ރާވައިގެން ކުރާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މޮޅެއް ލިބޭނެ ކަމަށްވެސް ހިބާ ވަނީ ފާހަގަ\ކުރައްވާފަ އެވެ.
ޖެނީވާ ކޮންވެންޝަނުގައިވާ ގޮތުން އެ މީހެއްގެ ނުރުހުމުގައި އަދި ގާނޫނާއި ހިލާފަށް އެއްވެސް މީހަކު އޭނާ ނިސްބަތްވާ ގައުމުން ބޭރުކުރުމަކީ ކުށެކެވެ. ސަލާހަކީ ފަލަސްތީންގެ ރައްޔިތެއް ކަމުން ފަލަސްތީނުގެ ބިމަކުން އޭނާ ނެރުމުގެ އެއްވެސް ހައްގެއް އިސްރާއީލަކަށް ނެތެވެ. އިސްރާއީލާ ގުޅުންހުރި މިފަދަ އެތައް މައްސަލަތަކެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ގެންދަނީ ބަލަމުންނެވެ.
ސަލާހް މިވަގުތުވެސް އިސްރާއީލުގެ ޖަލު ބަންދުގައި ހުރުމާ ގުޅިގެން އޭނާއަށް މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދިނުމަށް ފްރާންސުން ވަނީ އިސްރާއީލް ސަރުކާރަށް ގޮވާލާފަ އެވެ.
ސަލާހްގެ އަނބިމީހާ އެލްސާ ލެފޯޓު ބުނީ ސަލާހް އަކީ ފްރާންސްގެ ޕާސްޕޯޓް އޮތް މީހަކަށްވީ ނަމަވެސް ފަލަސްތީނަށް އުފަން އަދި މުޅި އުމުރުހެން ޖެރޫސަލަމްގައި ދިރިއުޅުނު މީހެއް ކަމަށެވެ. ސަލާހުގެ އުމުރުން 37 އަހަރު ވެފއިވާއިރު އިސްރާއީލްގެ ޖަލުތަކުގައި ހައްޔަރުކޮށް އަދި ބައެއް ފަހަރު ކުޑަދުވަސް ކޮޅަކަށް ދޫކޮށްލުމަށްފަހު އަނެއްކާވެސް ޖަލުގައި ހައްޔަރުކޮށް އެގޮތަށް އިސްރާއީލް ސަރުކާރުން ސަލާގް ގެންގުޅޭތާ 20 އަހަރުވެފައިވާ ކަމަށްވެސް އެލްސާ ބުންޏެވެ.