ޓޫރިޒަމް

ނޮވެމްބަރުގައި ފަތުރުވެރިކަން 6.5 ޕަސެންޓް ކުރިއަށް

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅައިބަލާއިރު ނިމިގެން ދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ ފަތުރުވެރިކަން 6.5 އިންސައްތަ ކުރިއަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 146،879 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ޒިޔާރަތްކުރީ 137،921 ފަތުރުވެރިން ނެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ޒިޔާރަތްކުރީ 146،879 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.49 މިލިއަނަށް އަރާފަ އެވެ.

ސަރުކާރުން ލަފާކުރަނީ މިއަހަރުގެ ނިޔަލަށް 1.5 މިލިއަން އާއި 1.8 މިލިއަންއާ ދޭތެރޭގެ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023"ގައި ލަފާކޮށްފައިވަނީ މޮޑަރޭޓް ހާލަތުގައި 1،625،648 ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،751،186 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އެގޮތުން މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14 ޕަސެންޓް --209،725 ފަތުރުވެރިންނަކީ އިންޑިއާ ފަތުރުވެރިންނެވެ. 12.2 ޕަސެންޓް --182،337 ފަތުރުވެރިންނާއެކު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.

އިނގިރޭސިވިލާތުން 162،020 ފަތުރުވެރިން ޒިޔާެރަތްކުރިއިރު އެއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10.9 އިންސައްތަ އެވެ.