އަމީނީ މަގު

އަމީނީމަގުގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި

ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުންދާ އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ސެެގްމަންޓް -- ދެވަނަ ބައިގެ މަސައްކަތް ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފި އެވެ.

ނުފެށި ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު އަމީނީ މަގުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތްތައް ފަށާފައިވަނީ އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާ ހަމައަށެވެ.

އާރްޑީސީއިން މިދިޔަ މަހު ފަހުކޮޅު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސައްކަތްތައް މަޑު ޖައްސާލަން ޖެހުނީ އެމްޑަބްލިއުއެސްސީ އިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީ އިން ވަނީ އާރްޑީސީގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިދިޔަ މަހު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެވަނަ ފިޔަވައްސަށް ބޭނުންވާ މައިގަނޑު ހުރިހާ އެއްޗެއް އެބަހުރި ކަމަށާއި މަސައްކަތްތައް މިހާރުވެސް ފެށޭނެ ކަމަށެވެ.

އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވާއިރު ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފިޔަވާ އެހެން މަސައްކަތްތައް ވަނީ ނިންމާފަ އެވެ.

އަމީނީމަގުގައި ތާރު އަޅަން ނިންމާފައިވަނީ ބާކީ ހުރިހާ މަސައްކަތެއް ބިލަބޮންގް ސްކޫލާއި ހަމައަށް ދިއުމުން ކަމަށާއި ތާރު ނޭޅި ނަމަވެސް އެހެނިހެން މަސައްކަތްތައް ނިމޭ ވަރަކުން އުޅަނދުތައް ދުއްވުމައްޓަކައި މަގު ހުޅުވާނެ ކަމަށް އާރްޑީސީން ބުނެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް މި މަސައްކަތް ނިމޭނެ ސީދާ ތާރީހެއް ބުނާކަށް އާރްޑީސީއަކަށް ނޭނގެ އެވެ.