ބޮލީވުޑް

18 އަހަރުގެ އިންތިޒާރަކަށްފަހު އަޕުރްވާ އާއި ޝިލްޕާއަށް ދަރިއެއް ލިބިއްޖެ

ސުބާޝް ގާއީގެ "ޕަރްދޭސް"ގައި ޝާޙް ރުކް ޚާނާއި މަހީމާ ޗައުދަރީ އާއެކު ނުބައިބައި ރޯލު އަދާކުރި އަޕުރުވާ އަގްނިހޯތުރީ އަކީ ކާކުކަން ގިނަ ބަޔަކަށް ނޭނގުނަސް އޭގެ ފަހުން އަޕުރުވާ ކުޅުނު ހިންދީ ޑްރާމާ "ޖައްސީ ޖޭސީ ކޮއި ނެހީ"ގެ އަރްމާން މަތިން ވަރަށް ގިނަ ބަޔަކު ހަނދާން ހުންނާނެ އެވެ.

އަޕުރްވާ އާއި އަންހެނުން ޝިލްޕާ އަށް އަންހެން ދަރިއަކު ލިބުނުކަން ދެމަފިރިން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. މި ދެމަފިރިން ދަރިއަކަށް އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން އެމީހުންނަަށް ދަރިއަކު ލިބިފައި މިވަނީ ކައިވެންޏަށް 17 އަހަރު ފުރުނު ފަހުންނެވެ. މި ދިގު މުއްދަތުގައި ދެމަފިރިން ދަރިން ހޯދަން ވަރަށް ގިނަ ގުނަ މަސައްކަތް ކޮށްފައިވާ ކަމަށް އެމީހުންގެ ގާތް އެކުވެރިން ބުނެފައި ވެއެވެ.

އަޕުރުވާގެ އިންސްޓަގްރާމް އެކައުންޓުން އިއްޔެ ޝެއާ ކޮށްފައިވާ މެސެޖެއްގައި އޭނާ އާއި ޝިލްޕާ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފައި ވެއެވެ.

އަޕުރުވާގެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި އެމީހުން ދަރިފުޅަށް ދީފައިވާ ނަމަކީ އިޝާނީ ކާނޫ އަގްނިހޯތުރީ އެވެ.

ތުއްތު އިޝާނީ އުފަންވީ ޑިސެމްބަރު ދެވަނަ ދުވަހު ކަމަށާއި އެއީ އަޕުރުވާގެ ވެސް އުފަން ދުވަސް ކަމަށް ވާތީ އިޝާނީ އަށް ވުރެ ރަނގަޅު ހަދިޔާއެއް މިހާތަނަށް އެއްވެސް އުފަން ދުވަހަކު ލިބިފައި ނުވާކަމަށް ވެސް އަޕުރުވާގެ ޕޯސްޓްގައި ވެއެވެ.

އަޕުރްވާ އެކޭ އެއްފަދައިން އޭނާގެ އަންހެނުން ޝިލްޕާ އަކީ ވެސް ޓީވީ ބަތަލާ އެކެވެ. ވަރަށް ގިނަ ސިލްސިލާތަކުގައި ލީޑް ރޯލު ޝިލްޕާ ވެސް އަދާކޮށްފައި ވެއެވެ. އަދި "ބިގް ބޮސް" އާއި އެނޫން ވެސް ގިނަ ރިއަލިޓީ ޝޯ ތަކެއްގައި ވެސް ދެމަފިރިން ބައިވެރިވެފައި ވެއެވެ.

މިދެމަފިރިންނަށް ދަރިއަކު ލިބުނުކަން އިއުލާން ކުރުމުން ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި އެ ދެމަފިރިންނަށް މަރުހަބާ ކިޔައި ތުއްތު އިޝާނީއަށް ހެޔޮއެދުންތައް ފޮނުވާފައެވެ.