އައްޑޫ ސިޓީ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު މީހުންނަށް އެ ތަންތަން ތަރައްގީކުރުމަށް މާލީ އެހީތެރިކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް އައްޑޫސިޓީ ކައުންސިލުން ފަށައިފި އެވެ.
މިމަސައްކަތުގެ ތެރެއިން އައްޑޫސިޓީ ކައުންސިލުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވާ އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު މީހުންގެ ބިންތައް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް އެދިފަ އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯނުތަކުގައި ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި ބީލަންތައް ކާމިޔާބު ކުރި ފަރާތްތަކަށް މިދިޔަ އޯގަސްޓު މަހު ތެރޭގައި ވަނީ ބިންތައް ހަވާލުކޮށްފަ އެވެ. އެއީ ހިތަދޫ ޒޯނުގެ ހަ ބިމާއި، ފޭދޫ ޒޯނުގެ ދެ ބިމާއ،ި ހުޅުދޫ ޒޯނުން އަށް ބިމާއި، އަދި މީދޫ ޒޯނުން ހަތް ބިމެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ކުރިއެރުއްވުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ އެހީތެރިކަން ނުލިބުން ކަމަށެވެ. ނަމަވެސް އެސްޑީއެފްސީއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ސަބަބުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނޭ ކަމުގެ އުއްމީދު އާވެފައިވާ ކަމުގައި ވިދާޅުވި އެވެ.
އެސްޑީއެފްސީގެ އިސްވެރިން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫގެ ޓޫރިޒަމް ޒޯނުތަކުން ބިން ލިބުނު މީހުންނާ އެކު ވަކިވަކި ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ. ބިން ލިބުނު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބިންތައް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ލިބުމުގައި ހުރި ގޮންޖެހުމެވެ.
"އައްޑޫ ސިޓީ ކައުންސިލްވީ އެސްޑީއެފްސީއާއި ބިން ލިބުނު މީހުންނާ ދެމެދުގައިވާ މެދުވެރިއަކަށް. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކަށް ވީ ބިން ލިބުނު މީހުންގެ ކަންބޮޑުވުންތައް އެސްޑީއެފްސީ ފަދަ ކޯޕަރޭޝަނަކާ ހަމައަށް ފޯރުކޮށްދިނުން. އެކަން އެވަނީ ކުރެވިފައި. މީގެ ނަތީޖާ ފެންނާނެ ކަމަށް މިބަލަނީ،" ޝުއާއު ވިދާޅުވި އެވެ.
ބިން ލިބުނު މީހުންނަށް އެސްޑީއެފްސީ އިން އުސޫލުތަކެއްގެ ތެރެއިން ލޯން ހަމަޖައްސައިދޭނެ ކަމަށް އައްޑޫ ކައުންސިލުން ބުނެ އެވެ. ނަމަވެސް ލޯނުގެ ގޮތުގައި އެސްޑީއެފްސީ އިން ދޫކުރާނެ އަދަދުތަކަކާ ގުޅޭގޮތުން ކައުންސިލުން އެއްވެސް އެއްޗެއް ނުބުނެ އެވެ. '
ޝުއާއު ވިދާޅުވީ އެކި އަގުގައި އެކި ބިންތައް ދޫކޮށްފައި ހުރުމުން ލޯނުގެ އަދަދު ވެސް އެކި މީހުންނަށް ތަފާތުވާނެ ކަމަށެވެ. އެހެންކަމުން އަދި ސީދާ އަދަދެއް ދަންނަވަން ދަތި ކަމަށާއި އެ މައުލޫމާތު ހިއްސާކުރަން އެނގޭނީ ވެސް އެސްޑީއެފްސީ އަށް ކަމަށެވެ.
ޝުއާއު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެސްޑީއެފްސީ އަށް ކޮށްދެވޭނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
"އެންމެންނަށް ވެސް އެނގޭނެ ކަމެއް އެއީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އައްޑޫ ބިންތަކުގެ ކުލި ކުޑަކުރަން ގާނޫނު އިސްލާހުކޮށްފައިވާ ކަން. އެއީ އަސްލު ސަރުކާރުންވާ ވަރަށް ބޮޑު ގުރުބާނީއެއް. މިކަން މިގޮތަށް ކުރެވުނީވެސް ޓޫރިޒަމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް. މި ބިންތަކުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްގީވުމުން ކުރިއަށްވުރެ ގިނައިން ފަތުރުވެރިން އައްޑޫއަށް އަންނާނެ ކަމަށް ބެލެވޭ،" ޝުއާއު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު މީހުންނަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އެސްޑީއެފްސީގެ އިތުރުން އެހެން ބޭންކުތަކާ ގުޅިގެންވެސް މަސައްކަތްތަކެއް ކުރަމުންދާ ޝުއާއު ވިދާޅުވި އެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެއްކޮށް މަޝްވަރާތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީކުުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖުލައި މަހު އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސްގެ އަމާޒަށް ވާސިލު ވެވޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ހުރި ގޮތުންނާއި ވަސީލަތްތައް ހުރި ގޮތުން ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލްކުރެވޭނެ އަމާޒެއް ނޫން ކަމަށެވެ.