މިނިސްޓްރީ އޮފް ޓޫރިޒަމް

ހޯމްސްޓޭ ވަޔަކު ނުހިފި، އެންމެ 16 އެނދު

ކޮމިއުނިޓީ ޓޫރިޒަމްގެ ތެރޭގައި ހިމެނޭ ގެސްޓްހައުސްއާއި ހޯމްސްޓޭގެ ވިޔަފާރި ރާއްޖޭގެ 111 ރަށަކަށް ފުޅާކޮށްފައިވީ ނަމަވެސް ހޯމްސްޓޭއަށް ޑިމާންޑް ނެތް ކަން ހާމަވެއްޖެ އެެވެ.

ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފްކޮށް ރަސްމީކޮށް އެ ވިޔަފާރި ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު މ. ދިއްގަރުގަ އެވެ. ގެސްޓްހައުސްގެ ވިޔަފާރި ރަށްތަކުގައި ރަސްމީ ސިފައެއްގައި ފަށާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހޯމްސްޓޭ ވިޔަފާރި ދިއްގަރުގައި ފެށިއިރު ކޮޓަރި ވިއްކާފައިވަނީ ރެެއަކަށް 40 ޑޮލަރުގެ ރޭޓުންނެވެ. މިއީ އާއްމުކޮށް ގެސްޓްހައުސްއެއްގައިވެސް ކޮޓަރި ވިއްކާ އަގެވެ. ހޯމްސްޓޭ ބާރަށް ކުރިއަރާނެ ކަމަށް ސަރުކާރުން ކުރިން ލަފާކުރި ނަމަވެސް ހޯމްސްޓޭގެ ވިޔަފާރިއަށް އެހާ ބޮޑު ތަރުހީބެއް އޮތް ކަމަކަށް ނުފެނެ އެވެ. ހޯމް ސްޓޭ ތައާރަފްކުރީ ވެސް ބައެއް ރަށްތަކުގެ ރައްޔިތުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެެރިވާ އިސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރަމުންގޮސް މިހާރު ޖުމުލަ 111 ރަށެއްގައި ފަތުރުވެރިކަމަށް މަގުފަހި ކޮށްދީފައިވާ ކަމަށެވެ.

"މިހާރު ޖުމުލަ 111 ރަށަށް ފަތުރުވެރިކަން ގެންދެވިއްޖެ. ބާކީ އޮތް 75 ރަށަށް އަންނަ އަހަރުގެ ތެރޭގައި ޓޫރިޒަމްގެ ފުރުސަތުތައް ފަހި ކޮށްދޭނަން،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ރަށްރަށުގެ ކައުންސިލުތަކުން ހޯމްސްޓޭއާއި ގެސްޓްހައުސް ވިޔަފާރިއަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. ކައުންސިލްތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނާއި ރަށްރަށުގައި ވިޔަފާރިކުރާ ގިނަ ފަރާތްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ބޭފުޅުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީގެ ސަބަބުން ފަތުރުވެރިކަން ކުރިއެރުވުމަށް އެރަށްތަކުގައި ކުރެވޭނެ ކަންކަން އެބޭފުޅުންގެ ލަފަޔާއެކު ނިންމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމު ވިދާޅުވީ ސަރުކާރުގެ ގައުމީ ފެރީ ނިޒާމު -- އާރްޓީއެލް ފުޅާކުރަމުންދާތީ ކޮމިއުނިޓީ ޓޫރިޒަމްގެ ތެރޭގައި ހިމެނޭ ގެސްޓްހައުސް އަދި ހޯމްސްޓޭގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރެވޭނެ ކަމަށެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ފަސޭހަ ކަމާއެކު ފަތުރުވެރިންނަށް ދަތުރުކުރެވޭނެ ނިޒާމެއް އޮތުމުން ފަތުރުވެރިން އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ފަސޭހަވެގެން ދިއުމަކީ ވިޔަފާރިވެސް ފުޅާކުރެވޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހާއްސަކޮށްގެން މުޅި ރާއްޖޭގައި 59،347 އެނދު އޮޕަރޭޓް ކުރަމުންދެ އެވެ. މީގެތެރެއިން 14،066 އެނދު ގެސްޓްހައުސްތަކުން ހިއްސާކުރާއިރު ހޯމްސްޓޭގެ އެނދުގެ ގޮތުގައި ހުރީ އެންމެ ތިން ތަނުގައި 16 އެނދެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ރަށުގައި ތިބެގެން ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބުން. ރަށުގައި ބާނާ މަސް ނުވަތަ ގޭގައި ހައްދާ ތަކެތިން އިސްރާފު ނުކޮށް މަންފާއެއް ކުރާނެ ގޮތެއް ހޯދައިދިނުން،" މައުސޫމު ވިދާޅުވި އެވެ.