ބޮލީވުޑް

ބައްޕަ ދަރާވިކުނު ވާހަކަ ދައްކާފައި އާމިރު ޚާނަށް ރޮވިއްޖެ

އާމިރު ޚާނަކީ ބޮލީވުޑްގައި ނެތްފަދަ ހުނަރުވެރި ސުޕަސްޓާރެކެވެ. އަދި އެހާމެ ކުޅަދާނަ އެކްޓަރު، ޑައިރެކްޓަރު ޕްރޮޑީއުސަރު، ސްކްރީން ރައިޓަރު އަދި ޕްރޮޑިއުސަރެއް ކަމަށްވާ ތޯހިރު ހުސެއިންގެ ދަރިއެކެވެ.

ދާދިފަހުން އާމިރު ވަނީ އޭނާގެ ބައްޕަ ފިލްމީ މަސައްކަތް ކުރިއިރު ދިމާވި މައްސަލަތަކާއި ދަރަނިވެރިވެގެން ހަދާނެގޮތް ހުސްވެގެން އުޅުނު ދުވަސްވަރުގެ ވާހަކަތައް ކިޔައިދީފަ އެވެ. އަދި މި ވާހަކަތައް ދައްކަމުން ގޮސް ކުރި އަސަރުން އާމިރަށް ރޮވިގެން ގޮސް އެ އިވެންޓު އޮތް ތަނުން އިރުކޮޅަކަށް ނިކުމެގެން ގޮސްފައި ވެއެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް ދިން އިންޓަވިއު އެއްގައި އާމިރު ބުނީ އޭނާގެ ބައްޕައަކީ ވަރަށް ސިމްޕަލް މީހެއް ކަމަށެވެ. އެހެންވެ ލޯނު އަދާ ނުކުރެވޭ ވަރަށް ލޯނު ނަގައި ދަރަނިވެރިވީއިރުވެސް ނޭނގުނީ އެވެ. އާމިރު ބުނި ގޮތުގައި ބައްޕަ ދަރަނިވެރިވެގެން ހަދާނެގޮތް ހުސްވެގެން އުޅުނުއިރު އޭނާއަށް އެންމެ 10 އަހަރެވެ. އެހެންވެ އޭނާއަކަށް އޭރު ކުރާނެކަމެއް ހަދާނެ ގޮތެއް ނޭނގުނެވެ. މި ވާހަކަ ދައްކަމުން ދިޔައިރު އާމިރުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެން ފެށުމުން ކުޑަ ވަގުތުކޮޅަކަށް އެތަނުން ދުރަށް ގޮސްފައި ލޯ ފޮހެ ހަމަޖެހިލައިގެން ފަހުން އައީ އެވެ.

އާމިރު ބުނި ގޮތުގައި އޭނާގެ ބައްޕައަކީ ޕްރޮޑިއުސަރެކެވެ. އެކަމަކު ފިލްމު އުފައްދާކަށް ފައިސާއެއް ނުލިބެ އެވެ. އެ ދުވަސްވަރަކީ ބްލެކުން ޓިކެޓް ވިއްކާ ޒަމާންކަމުން ހުރިހާ ގެއްލުމެއް ލިބެނީ ޕްރޮޑިއުސަރުންނަށް ކަން އޭނާ ފާހަގަކުރިއެވެ.

"ބައްޕަ ލޯނު ނެގި މީހުން ގުޅައިގެން ފައިސާ އަނބުރާ ދޭށޭ ކިޔާ އުނދަގޫކުރާނެ. ބައްޕަ ބުނާނެ އަހަރެންގެ އަތަކު ނެތޭ ފައިސާއެއް. ކިހިނެއްހޭ ދޭނީ،" އާމިރު ކިޔައިދިނެވެ.

އާމިރު ބުނި ގޮތުގައި އެހާލުގައިވެސް އޭނާގެ ބައްޕަ ދަރަންޏަށް ފައިސާނެގި އެންމެންގެ ފައިސާ އަނބުރާދީ ދަރަނިތައް ހަލާސްކުރިއެވެ.

"އެއްރެއަކު ބައްޕަ މާ ވަރަކަށް ކަބަޑުތައް ހާވަ ހާވާފަ އެއްޗެއް ހޯދާތީ މަންމަ ސުވާލުކުރި ކޯޗެއްހޭ ތި ހޯދަނީ. ބައްޕަ ބުނި ގްރެޖުއޭޝަން ސެޓްފިކެޓޭ. ދެން މަންމަ ސުވާލުކުރި ކީއްކުރަންހޭ އެ ތިހޯދަނީ. ޖަވާބުގައި ބައްޕަ ބުނި ދަރަނިވެރިވެގެން ގޮސް ގެގަނޑުވެސް ނެގޭވަރު ވެއްޖޭ. އެހެންވެ މިއުޅެނީ ވަޒީފާއެއް ހޯދަން ނުކުންނާށޭ،" އާމިރު ކިޔައިދީފައި ވެއެވެ.

ނަމަވެސް ފަހުން ހުރިހާ ދަރަނިއަދާކޮށް ތާހިރު ހުސެއިން ވަނީ މަރު ދުވަހަކަށް ވެސް ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދެމި ހުރެފަ އެވެ. ތާހިރު ވަނީ 1990 ގައި އާމިރުކުޅުނު "ތުމް މޭރޭ ހޯ" ޑައިރެކްޓްކޮށްފަ އެވެ. ހާޓް އެޓޭކެއް ޖެހިގެން އޭނާ މަރުވީ 2010 ވަނަ އަހަރު އެވެ.