ކުޅިވަރު

ފްރާންސްގެ ވަރުގަދަ ޗެލެންޖަށް މިތިބީ ތައްޔާރަށް: ސައުތުގޭޓް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުކުންނަ މެޗަކީ ވަރުގަދަ ޗެލެންޖަކަށް ވާނެ ކަމަށާއި، އިންގްލެންޑް އޮތީ އެކަމަށް ތައްޔާރަށް ކަމަށް ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑް ވަނީ ދެވަނަ ބުރުގައި ރޭ ސެނެގޯލްއާ ވާދަކުރި މެޗުން 3-0 އިން މޮޅުވެފަ އެވެ. ފަސޭހަ މޮޅެއް ހޯދި މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކި އެވެ. އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސައުތުގޭޓް ބުނީ ފްރާންސްގެ ފުޓްބޯޅައިން ފެންނަނީ އިތުބާރާ އެކު ކުޅޭތަން ކަމަށެވެ.

ފްރާންސް ވަނީ ދެވަނަ ބުރުގެ މެޗުގައި 3-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ފްރާންސް ވާދަކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ.

"މިދިޔަ އަހަރުތަކުގައި ދެޓީމުން ވެސް ގިނަ ތަޖުރިބާތަކެއް ހޯދައިފި. ފްރާންސް ކުޅެނީ އިތުބާރާ އެކު. އިންގްލެންޑުގެ ކުޅުމުން ވެސް ނުރައްކާތެރިކަން ފެންނާން. މި މެޗުގައި ގޯލުތަކެއް ޖަހައި ކްލީން ޝީޓެއް ހޯދުމަކީ ވަރަށް ބޮޑު އުފަލެއް" މެޗަށް ފަހު ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އޭގެފަހުން މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރި އެވެ. ސައުތުގޭޓް ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި ފްރާންސްގެ ފެންވަރު އިންގްލެންޑަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ރޭގެ މެޗުގައި އިންގްލެންޑުގެ ފުރަތަމަ ގޯލު ޖެހީ ޖޯޑެން ހެންޑަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ. ދެވަނަ ހާފުގައި އިންގްލެންޑުގެ ތިންވަނަ ގޯލު ޖެހީ ބުކަޔޯ ސަކާ އެވެ.

"ފްރާންސަކީ އަހަރެމެންނަށް ކުރިމަތިވާނެ އެންމެ ވަރުގަދަ އިމްތިހާން. އެއީ ދުނިޔޭގެ ޗެމްޕިއަނުން. މޮޅެތި ބައިވަރު ކުޅުންތެރިން އެބަތިބި. އެޓީމު ކޮޅަށް ގޯލު ޖެހުމަކީ ފަސޭހަކަމެއް ނޫން" ސައުތުގޭޓް ބުންޏެވެ.

ފްރާންސް ރަނގަޅު ފޯމެއްގައި އޮތްއިރު އެޓީމުގެ ތަރިއަކީ މިފަހަރު މިހާތަނަށް ފަސް ގޯލު ޖަހާފައިވާ ކިލިއަން އެމްބާޕޭ އެވެ. ސައުތުގޭޓް ބުނީ އެމްބާޕޭގެ އިތުރުން ވެސް އެޓީމުގައި ތިބި ކުޅުންތެރިންގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

"އެމްބާޕޭ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް. ގްރީޒްމަން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ޖިރޫޑްގެ ފެންވަރު އަހަރެމެންނަށް އެނގޭ. އެޓީމުގެ މިޑްފީލްޑަރުންނަށް ތިބީ މޮޅެތި ކުޅުންތެރިން" ފްރާންސް ޓީމުގެ މޮޅުކަން ހާމަކުރަމުން ސައުތުގޭޓް ބުންޏެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގަތައް މިހާތަނަށް ކަށަވަރުކޮށްފައިވަނީ އިންގްލެންޑާއި ފްރާންސްގެ އިތުރުން ނެދަލެންޑްސް އާއި އާޖެންޓީނާ އެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ރޭގަނޑު އަށެއް ޖަހައިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޖަޕާން އާއި ކްރޮއޭޝިއާ އެވެ. މިރޭގެ ފަހު މެޗުގައި ބްރެޒިލް ނުކުންނަނީ ސައުތު ކޮރެއާއާ ދެކޮޅަށެވެ.