މޯލްޑިވްސް ޕޮލިސް ސާވިސް

ސްކޭމްގެ 998 މައްސަލަ، ގެއްލުން 23 މިލިއަނަށް

Dec 5, 2022

ފުލުހުންނަށް މިއަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހެޅިފައިވާއިރު ސްކޭމްތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސްކޭމް ކޯލްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު މި އަދަދުތައް ސީޕީ ހަމީދު ހާމަކުރެއްވީ މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިން ދަ މޯލްޑިވްސް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ސްކޭމް މައްސަލަތަކަކީ ރައްޔިތުންނަށް މާލީ ގެއްލުންތަކެއްވަމުންދާ މައްސަލައެއް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ސްކޭމް މައްސަލަތައް ހުއްޓުވުމަށް މުއައްސަސާތަކުގެ ގާބިލުކަން ހުރި މިންވަރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ހޯމް ސެކްޓާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޮވެމްބަރު 16ވަނަ ދުވަހު ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން މޯބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީން ނެވެ. އެއިން ކޮންމެ މީހަކު އެވަރެޖްކޮށް 5،000 ސިމް ގަނެފައިވެ އެވެ.

އެ ބިދޭސީންނަކީ ކުރިން ރާއްޖޭގައި އުޅުނު ނަމަވެސް މިހާރު ނޫޅޭ މީހުން ނެވެ.

ރާއްޖޭގައި ކުރާ ކުށްކުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ އިތުރުން ސްކޭމް ފޯނުކޯލު ކުރުމަށް އެ ސިމްތައް ބޭނުންކުރާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު އޭރު ވިދާޅުވީ ޖަލު ސަރަހައްދުން ނޫން ނަމަވެސް މުޅި ރާއްޖެއިން ސްކޭމް ކޯލުކުރާ މައްސަލަތަކުގައި 3،033 ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސްކޭމް ކޯލް ހުއްޓުވަން ކުރި މަސައްކަތް

  • ހިދުމަތް ކަނޑާލެވުނު މޮބައިލް ނަންބަރު - 2،196
  • ބްލެކް ލިސްޓް ކުރެވުނު ފޯނުގެ އައި.އެމް.އީ.އައި - 817
  • ބްލޮކް ކުރެވުނު ވެބްސައިޓް - 12
  • ބްލޮކް ކުރެވުނު އައި.ޕީ އެޑްރެސް - އަށެއް

ސިމް ކާޑު ވިއްކާ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގަ އެވެ. ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުންނެވެ.