މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

Feb 26, 2023

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.

މިމައްސަލަ އާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނު ފިހާރަ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހޯދައި ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން އިއްޔެ ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިކަން ޔަގީންކޮށްދެއްވި ނަމަވެސް ޒުވާނާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ޒަހަމްވި މީހާގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެމީހާ އޮތީ ލޭތަކާ އެކު ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.