ޕްރަވެޓައިޒޭޝަން

ކުންފުނިތަކަށް ހުރި ގޮންޖެހުންތައް ޕީސީބީ އިން ބަލައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑުގެ އޮޑިޓް ކޮމިޓީ އަދި ފައިނޭންސް ޑިޕާޓްމަންޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ކުންފުނިތަކުގައި ހުރި މައްސަލަ އޮޅުން ފިލުވައިފި އެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ކުންފުނިތަކުގެ އޮޑިޓް ފުރިހަމަކުރުމާއި ޓެކްސް ބަޔާންތައް ހުށަހެޅުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ.

އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތަފްސީލް ޕީސީބީ އަކުން ހާމައެއް ނުކުރެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑުގެ އޮޑިޓް ކޮމިޓީ އަދި ފައިނޭންސް ޑިޕާޓްމަންޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައި މިވަނީ ގިނަ ކުންފުނިތަކަކަށް މާލީ ގެއްލުންތަކެއް ވަމުންދާ ވަގުތެއްގަ އެވެ. ކުންފުނިތަކުގައި ކުރާ ބޭކާރު ހަރަދާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ އަމަލުތަކަކީ އަބަދުވެސް އިވޭ އަޑުތަކެކެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ.

ބޯޑަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނެ އެވެ. ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.