އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާ އާ ކަންޓްރީ މެނޭޖަރުގެ ގޮތުގައި އަލްވަރޭޒް ޑި ލާ ކެމްޕާ ހަމަޖައްސައިފި އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވޯލްޑް ބޭންކް ގްރޫޕުގެ ދަށުން ހަދާފައިވާ އައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި ހުންނަވައިގެން އަލްވަރޭޒް މަސައްކަތް ކުރައްވާނީ ދެ ގައުމުގެ އަމިއްލަ ވިޔަފާރިތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްކަން ދަނެ އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމުގެ އިތުރުން ރާއްޖޭގެ އެހެން އަމިއްލަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރި ފުޅާކުރުމަށް ފުރުސަތުތައް ހޯދައިދޭނަން،" އަލްވަރޭޒް ވިދާޅުވި އެވެ.
އައިއެފްސީން ބުނީ އެކި ސަރަހައްދުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ އަލްވަރޭޒްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއަރުވާ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.
ރާއްޖޭގައި އައިއެފްސީން އިންވެސްޓް ކުރާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަން، ކާބޯތަކެތީގެ ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތައް ހިމެނެ އެވެ.
"އައިއެފްސީން މަސައްކަތް ކުރާނީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިކުރަން. އަލްވަރޭޒްގެ ތަޖުރިބާއާއި އެކު ޔަގީންކަން އެބައޮތް ބޮޑު އިންވެސްޓްމެންޓެއް ކޮށް ރަނގަޅަށް މިކަން ކުރާނެ ކަމަށް،" އައިއެފްސީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ހެކްޓަ ގޮމޭޒް ވިދާޅުވި އެވެ.
އަލްވަރޭޒް މީގެ ކުރިން ވަނީ އެމެރިކާގެ ގައުމުތަކުގަ އާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން އެފްރިކާގެ ގައުމުތަކުގައި އައިއެފްސީގެ މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން ވޯލްޑް ބޭންކްގެ އެހެން ޖަމިއްޔާތަކުގައިވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
އައިއެފްސީ އަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. މިއަހަރުގެ މިހާތަނަށް ޖުމުލަ 32.8 ބިލިއަން އެމެރިކާ ޑޮލަރު 100 އަށް ވުރެ ގިނަ ގައުމުތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދީފައިވާ ކަމަށް އައިއެފްސީން ބުނެ އެވެ.
އައިއެފްސީން ރާއްޖޭގައި އިންވެސްޓް ކުރަން ފެށީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް 200 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން ރާއްޖެއަށް އިންވެސްޓް ކޮށްފައިވެ އެވެ.