ތިމާ އާއި އެހެން މީހުންނާ އަޅާ ކިއުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ތިމާ އަށް ނުލިބޭ އެކަމަކު ތިބާ ބޭނުންވާ އެއްޗެހި އެހެން މީހުންނަށް ލިބުމުން އެކަމާ ދެރަވެ މާޔޫސްވާ ގޮތްވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލެ އެވެ.
1. ތިމާއަށް ލިބިފައި ހުރި އެއްޗެހީގެ ފުރިހަމަކަން ވިސްނޭނެ
ތިމާ އާއި އެހެން މީހުންނާ އަޅާ ކިޔާނަމަ އަބަދުވެސް ހުންނާނީ މާޔޫސްވެފަ އެވެ. ލިބިފައި ހުރި އެއްޗެއްސާ ދޭތެރޭ ނުވިސްނާށެވެ. އެންމެ ފަހަރަކުވެސް ލިބިފައި ހުރި އެއްޗެއްސާއި ދޭތެރޭ ވިސްނާލާށެވެ. އަދި އެވަރުވެސް ނުލިބޭނެ އެތައް ބަޔަކު ދުނިޔޭގައި އެބަތިބިކަން ހަނދާންކޮށްލާށެވެ އޭރުން ތިބާއަށް ލިބިފައި ހުރި އެއްޗެހި ގިނަވެފައި އަދި ފުރިހަމަކަން ވިސްނޭނެއެވެ. އަދި އުފާވެރިކަން ލިބޭނެ އެވެ.
2. ލަނޑުދަނޑިތައް ހާސިލް ކުރަން މަސައްކަތް ކުރެވޭނެ
ކޮންމެ މީހެއްގެވެސް އުއްމީދު ތަކަކާއި ހުވަފެންތަކެއް ހުންނާނެއެވެ. ކާމިޔާބުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެއެވެ. އެހެން މީހުންނާ ތިމާ އާއި އަޅާ ކިޔާނަމަ އެ އުއްމީދުތައް ހާސިލެއް ނުކުރެވޭނެ އެވެ. ތިމާ އަކީވެސް ވަކި މީހެކެވެ. ދިމާވާނީވެސް ތަފާތު ކަންތައްތަކާ އެވެ. އެހެންވީމަ އެހެން މީހުންގެ ފިޔަވަޅުތައް "ފޮލޯ" ކުރުމުގެ ބަދަލުގައި އަމިއްލަ ފިޔަވަޅުތައް އަމިއްލަ ވިސްނުމަށް ނަގާށެވެ.
3. އަމިއްލަ ނަފްސަށް ކުރިއެރުން ލިބޭނެ
އެހެން މީހުންނާއި އަމިއްލަ ނަފްސާ އަޅާ ކިޔާނަމަ އަމިއްލަ ނަފްސު އޮންނާނީ ގެއްލިފަ އެވެ. ކުރި އެރުމެއް ނުލިބޭނެ އެވެ. އެހެން ނަމަވެސް ތިމާޔާއި އެހެން މީހުން އަޅާކިޔުން ހުއްޓާލުމުން އަމިއްލަ ނަފްސަށް ކުރިއެރުން ލިބޭނެ އެވެ. އަދި ތިމާއަކީ އުފާވެރި މީހަކަށް ވާނެ އެވެ.
4. ރަނގަޅު އެކުވެރިއަކަށް ވެވޭނެ
އާއްމު ގޮތެއްގައި އެންމެ ގިނައިން އަޅާކިޔެނީ އެންމެ ގާތް މީހުންނާއެވެ. އެކުގައި އުޅޭ ރައްޓެހިންނާއެވެ. އެހެން ވުމުން ތިމާ އަކީ ރަނގަޅު އެކުވެރި އަކަށް ނުވެވެއެވެ. ހަސަދައިގެ ހުޅުކޮޅެއް ރޯވެ އެވެ. ނަމަވެސް އަޅާކިއުން ހުއްޓާލައިފިނަމަ އަމިއްލަ ނަފްސަށް އުފާވެރިކަން ލިބި ރަނގަޅު އެކުވެރިއަކަށް ވުމަށް އެހީތެރިވެދޭނެ އެވެ.