ކުޅިވަރު

ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާ އަށް

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 3-1 އިން ޖަޕާން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކްރޮއޭޝިއާ ހޯދައިފި އެވެ.

ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެފަހަރު ވެސް ޖަޕާން ވަނީ ދެވަނަ ބުރުގައި ބަލިވެފަ އެވެ. ހިތްދަތި ގޮތަކަށް އެފަހަރު ބަލިވީ ބެލްޖިއަމާ ވާދަކޮށް 3-2 އިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ޖަޕާނުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. 43 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޑައިޒެން މައެޑާ އެވެ. އޭރިޔާ ތެރެއަށް މާޔާ ޔޮޝީޑާ ހުރަސްކޮށްލި ބޯޅަ މައެޑާ ވަނީ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލާފާ އެވެ.

ލީޑުގައި އޮވެ ދެވަނަ ހާފުގެ މާގިނައިރު ޖަޕާނަށް ހިފަހައްޓައި ނުލެވުނެވެ. މި ހާފުގެ 10 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޑެޔާން ލޮވްރެން ނަގައިދިން ހުރަސް ޕެރިސިޗް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. މިއީ ވޯލްޑް ކަޕްގައި ޕެރިސިޗް ޖެހި ހަ ވަނަ ލަނޑެވެ.

މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ކްރޮއެޝިއާ އިން ވަނީ ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއްނުވެ އެވެ.

ޕެނަލްޓީގައި ކްރޮއޭޝިއާގެ ހީރޯއަކަށް ވަނީ ތިން ޕެނަލްޓީ މަތަކުރި ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް އެވެ. އޭނާ ވަނީ ޖަޕާންގެ ޓަކޫމީ މިނަމީނޯ އާއި ކައުރޫ މިޓޯމާ އަދި ޔޮޝީޑާ ޖެހި ޕެނަލްޓީތައް މަތަކޮށްފަ އެވެ. ޖަޕާނަށް ވައްދާލެވުނީ ހަމައެކަނި ޓަކޫމާ އަސާނޯ ޖެހި ޕެނަލްޓީ އެވެ.

ކްރޮއޭޝިއާ އިން ޕެނަލްޓީގައި ވަނީ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ. އެޓީމުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ނިކޮލާ ވްލަސިޗް އާއި މާސެލޯ ބްރޮޒޮވިޗްގެ އިތުރުން މޮޅުވި ޕެނަލްޓީ ޖެހި މާރިއޯ ޕަސަލިޗް އެވެ. ކްރޮއޭޝިއާގެ މާކޯ ލިވަޔާ ޖެހި ޕެނަލްޓީ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގަ އެވެ.

ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހޭނީ ބްރެޒިލް ނޫނީ ދެކުނު ކޮރެއާއާ އެވެ. ބްރެޒިލް އާއި ދެކުނު ކޮރެއާގެ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.