އޭސީސީ

ހާމަކަން ބޮޑުކޮށް ޑިއުޓީ ފްރީ ފިހާރަތައް ކުއްޔަށްދޭން އެމްއޭސީއެލްއަށް އަންގައިފި

Jan 20, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ޑިއުޓީ ފްރީ ފިހާރަތައް ކުއްޔަށް ދިނުމުގައި ހާމަކަން ބޮޑު އަދި ހަމަހަމަ ގޮތަކަށް އަމަލު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން، އެއާޕޯޓް އޮޕަރޭޓް ކުރާ ކުންފުނި އެމްއޭސީއެލްއަށް އަންގައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެއާޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކެއް ކުއްޔަށް ދިނުމުގައި އިއުލާން ކުރުމަކާއި ނުލައި ކުންފުނިން ބޭނުންވާ ބަޔަކާ އެތަންތަން ހަވާލު ކުރަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ ކޮމިޝަނަށް ހުށަހެޅި އެ ޝަކުވާއާ ގުޅިގެން ކޮމިޝަނުން އެކަން ބަލައި މިހާރު އެމްއޭސީއެލްއަށް ލަފައެއް ދީފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލަފާގައި ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ދެފުށް ފެންނަ އަދި ހަމަހަމަ ގޮތަކަށް ޑިއުޓީ ފްރީ ފިހާރަތައް ކުއްޔަން ދިނުމުގެ ކަންކަން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށެވެ.

ޑިއުޓީ ފްރީ ގިނަ ފިހާރަތައް އޮޕަރޭޓް ކުރަނީ އެމްއޭސީއެލް އިން އަމިއްލަ އަށެވެ. އެ ފިހާރަކުގެ އާމްދަނީއަކީ އެއާޕޯޓަށް ލިބޭ އާމްދަނީގެ ބޮޑު ބައެކެވެ.

ޑިއުޓީ ފްރީ ފިހާރަތަކެއް ކުއްޔަށް ދޭ މައްސަލައިގައި އެމްއޭސީއެލްގެ ބަހެއް އަވަސް އަށް ލިބޭ ގޮތެއްނުވި އެވެ.