ވާހަކަ

އިޙްސާސްވޭ

( 1 ޑިސެމްބަރ 2022 އާ ގުޅޭ )

"ޕޮލިހުން ގުޅައިފި... މިއުވާނު ހުރީ ހައްޔަރުކޮށްފައި." އަނީސާ މިހެން ބުނިއިރު އެ މޫނުން ހާސްކަން ފާޅުވެއެވެ. މަގުން ކައްސާލައިގެން ދާ ދަރިއަކާމެދު އަޅާނުލާނަމޭ ހިތަށް އަރުވައިގެން ހުއްޓަސް ދެރަކަމެއް މެދުވެރިވުމުން މައިލަނގޮޑިއަށް އަސަރުކުރާކަން ޔަގީނެވެ. އަނީސާ ކިތަންމެ އެއްޗިއްސެއް ކިޔަސް މިއުވާނަކީ އޭނާގެ ދަރިއެކެވެ.

ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން މަންމަ ގޮވައިގެން ހުޅުމާލޭގެ ފުލުސް އިދާރާއަށް ދައްޔާނު އައެވެ. މިއުވާނު ހައްޔަރުގައި ހުރީ މާލޭގައިކަން އޮޅުންފިލީ ދެނެވެ. މިއުވާނު ދޫކޮށްލާނީ ކޮންއިރަކުންތޯ އަނީސާއަށް އަހާލެވުނެވެ. މަޢުލޫމާތު ދޭން އިން ފުލުހުންގެ ޒުވާނާ މަޑުކޮށްލަން އެދުނެވެ. ކަންކަމުގައި އަންނަ މީހުން މަޑުކުރާން ހުރި ގޮނޑިބަރީގައި މަންމަ ގޮވައިގެން ދައްޔާނު އިނީ އެމީހުންނަށް ގޮވާލާނޭއިރެއްގެ އިންތިޒާރުގައެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު އެމީހުން ފިޔަވާ އިތުރު ބަޔަކު ވެސް ނެތެވެ. އެހެންވެ ގިނައިރު މަޑުކުރާކަށް ވެސް ނުޖެހުނެވެ. ދައްޔާނާއި އަނީސާއާ ވާހަކަދެއްކި ފުލުސް ކުއްޖާ އެމީހުން ގޮވައިގެން އައިސް ވަނީ ކެބިންއެއްގެ ތެރެއަށެވެ. އެތަނުގައި އިނީ ކުލަހެދުމުގައި އިން ޒުވާނެކެވެ. އޭނާ އިށީނދެ އިން މޭޒުދޮށުގައި ހުރި ގޮނޑީގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. މަޤާމާ އެކީ އޭނާގެ ނަމަކީ އަންވަރުކަން ބުނެދެމުން ކުރިމަތީ ތިބި ދައްޔަނާއި އަނީސާގެ ނަން ކިޔާލީ ޔަގީންކޮށްލާ ފަދައަކުންނެވެ. މިއުވާނާ އެމީހުންނާ ހުރި ގުޅުން އަންވަރު އޮޅުންފިލުވިއެވެ. މިއުވާނު ގެއަށް ނައިސްގެން ވީނުވީއެއް ނޭނގިގެން ރިޕޯޓްކޮށްފައިވާތީ އެކަމާ ވެސް އަންވަރު ބައެއް ސުވާލުތައް ކުރިއެވެ.

"މިއުވާނު ގެއަށް ނައިސް ނުހުންނާނެ. މިހާރު އޭނާ ދާނޭ އިތުރުތަނެއް ނުހުންނާނެ." އަނީސާ ބުންޏެވެ.

މިއުވާނަށް ޖަލު ހުކުމެއް އައިސްފަ ވާތީ އޭނާގެ ކުށުގެ ރިކޯޑެއް އޮތެވެ. އެކަން ފާހަގަ ކުރަމުން އަންވަރު ބުނީ މިއުވާނު ހައްޔަރު ކުރެވުނީ މަސްތުގެ ހާލަތުގައި ވަނިކޮށް ކަމެވެ. އަދި މިއުވާނުގެ އަތުން މަސްތުވާ އެއްޗެހި ފެނިފައިވާކަން އަންވަރު ޔަގީންކޮށްދިނެވެ. އަނިސާއަށް ލިބުނު ސިހުމުގައި ވަގުތުން އަނގަމަތީ ކަނާއަތްތިލަ އަޅާލެވުނެވެ. މިއުވާނު މަސްތުވާ އެއްޗެހި ބޭނުންކުރާކަމެއް އެ ޢާއިލާއަށް އެނގިފައެއް ނެތެވެ. ދައްޔާނަށް ވެސް އެ ޚަބަރު ވީ ހައިރާންކުރުވަނިވި އާ ޚަބަރަކަށެވެ. މިއުވާނުގެ ފުށުން މަސްތުވާ އެއްޗެހި ބޭނުންކުރާކަމުގެ އެއްވެސް އަސަރެއް ދައްޔާނު ނުދެކެއެވެ. އެއަށްވުރެ މިއުވާނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ މީހެއްކަން ދައްޔާނަށް އެނގެއެވެ. ސުވާލު އުފެދި އަޖައިބުވިޔަސް ދައްޔާނަށް ޔަގީންވާ ކަމަކީ ފުލުހުން ދޮގު މަޢުލޫމާތެއް ނުދޭނެކަމެވެ. މިއުވާނުގެ ޢާއިލާއަށް އޭނާ ހުރި ހާލަތު އަންގާނެކަމާއި އޭނާއާ ބައްދަލުކުރެވޭނޭ ގޮތް ހަމަޖެހޭނެކަން އަންވަރު ބުންޏެވެ. މަސްތުގެ ހާލަތުގައި ހުރުމުގެ އިތުރުން މަސްތުވާ އެއްޗިއްސާއެކީ ހައްޔަރު ކުރުމުގެ ސަބަބުން މިއުވާނަށް ބޮޑު ހުކުމެއް އަންނާނޭކަން ޤާނޫނު ނޭނގުނަސް އަނީސާއާއި ދައްޔާނަށް ލަފާކުރެވެއެވެ.

* * * * *

ޖެހިގެން އައި ދުވަހު ހެނދުނު އައިރިކް ގެއިން ނުކުތީ ޢާއިލާގެ މީހަކަށް އެނގުމެއް ނެތިއެވެ. ފައިރޫޒު އިނީ އައިރިކް ބުނި ގަޑިއަށް އެ ގޭދޮށަށް އޭނާ ބަލާ އައިހެވެ. ސައިކަލުގައި ދެ ޒުވާނުން އައިސް ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އައިރިކްގެ ލޯ ދައްކަމުން އަންނަ ޑަކްޓަރަށް ފައިރޫޒު އޮތީ އެޕޮއިންމެންޓެއް ހައްދާފައެވެ. ނަންބަރު ކިއުގައި މަޑުކުރާން ނުޖެހުނީ ފައިރޫޒު އޮތީ އެއްވަނަ ނަންބަރު ހޯދާފައިވާ ކަމަށްވާތީއެވެ.

އައިރިކްގެ ލޯ ޑަކްޓަރު ބެލިއެވެ. ޓެސްޓްތައް ހެދިއެވެ. ފެނުން ބަލިކަށިވެފައިވާކަން ޑަކްޓަރަށް ވެސް ފާހަގަވިއެވެ. ލޮލުގައި ފުސްކޮޅެއް ހުރިކަމާއި އެ ފުސްކުޅު ޖެހޭނީ ކަހާލަންކަން ޑަކްޓަރު ކިޔާދިނެވެ. އައިރިކްގެ އެންމެ ލޮލަކަށް ފެންނައިރު ސާޖަރީއަށްފަހު ލޯ ނިވާކޮށްގެން ދުވަސްކޮޅު އުޅޭން ޖެހޭނެކަން ޑަކްޓަރު ބުންޏެވެ. އޭރުން އަނެއްކާވެސް އޭނާ އުޅޭން ޖެހޭނީ އަނދިރިކަމުގައެވެ. އޭގެ އިތުރުން ޑަކްޓަރު ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަ ކުރީ ސާޖަރީ ކުރާން ބޭނުންވިޔަސް އައިރިކްގެ "އޮޕްޓިކް ނާވް"އަށް ލިބުނު ގެއްލުން އަދިވެސް މުޅީން ފަސޭހަނުވާކަމެވެ. ޑަކްޓަރު ލަފާ ދިނީ ނަންބަރު އައިނު މިހާރުއްސުރެ އަޅަންފެށުމެވެ. ގަދަ އަލި ހުންނަ މާޙައުލުތަކުގައި ލޯ ސަލާމަތް ކުރުމަށް އަވިއައިނު ބޭނުންކުރާން ޑަކްޓަރު ބުންޏެވެ. އޮޕްޓިކް ނާވް ފަސޭހަނުވެ ބަލިކަށިވަމުން ދާނަމަ ލޮލުގެ ފެނުން އަލުން ގެއްލުމުގެ ފުރުޞަތު އެބައޮތްކަން ޑަކްޓަރު ބުންޏެވެ. އެ ޚަބަރުވީ އައިރިކްއާއި ފައިރޫޒުގެ ޠަބީޢަތަށް އަސަރުކުރުވި ޚަބަރަކަށެވެ.

ހުރިހާ ކަމެއް ނިންމާލާފައި ހޮސްޕިޓަލުން ދެ ޒުވާނުންނަށް ނުކުމެވޭވަރުވީ މެންދުރުވާން އުޅެނިކޮށެވެ. ހޮސްޕިޓަލުގެ ތެރޭ ހުރި ކެފެޓީރިއާއަށް އައިރިކް ގޮވައިގެން ފައިރޫޒު ވަނެވެ. މަތީ ފަންގިފިލާގައި ހުރި މޭޒެއްގެ ދޮށުގައި ފިނި ބުއިމަކަށް އިންސާފު ކުރާން ދެ ޒުވާނުން ފެށީ ހިމޭންކަމުގައި ތިބެވެ.

"މާޔާ ކައިރީ ބުނަންވާނެ. އޭގެ ކުރީން ރިކްގެ މަންމަމެންނަށް އެނގެންވާނެ." ފައިރޫޒުގެ ޚިޔާލު ފާޅުކުރިއެވެ.

"ކީއްވެތަ އެއްވެސް ކަމެއް ޕްލޭންކުރާ ގޮތަށް ނުވަނީ. މާދަމާ ރޭ އަހަރެންގެ ކައިވެނި. އަނބިމީހާއެކީ އުފާކޮށް މަޖާކޮށް އުޅެންވީ ދުވަސްތައް ކުރިޔަށް އޮތީ. އެކަމަކު އަހަރެން ފިކުރު ކުރަން މިޖެހުނީ އަލުން އަހަރެން އަނދިރި މީހަކަށް ވެދަނޭތީ އެކަމާ. އަހަންނަށް މާޔާގެ ސޫރަ ނުފެންނާނެތީ. މުސްތަޤްބަލުގައި އަހަރެމެންނަށް ދަރިއަކު ލިބިއްޖެނަމަ، ދަރިފުޅުގެ ސޫރަ ވެސް އަހަންނަށް ނުފެންނާނެ. ވައްތަރީ އަހަންނާކަމެއް ނޫނީ މާޔާއާކަމެއް ހިތަށް ތަސައްވުރު ވެސް ކޮށްނުލެވޭނެ. ފައި... ތެދަށް ބުނަންޏާ އެ އަނދިރިކަން ދެކެ އަހަރެން ބިރުގަނޭ. އަހަންނާއި މާޔާއާ ދެމެދަށް އެކަމުގެ ހިޔަނި އެޅިދާނޭ ހީވަނީ. އެންމެ ލޮލެއް ވެސް ފުދޭ. އެންމެ ލޮލަކުން ވިޔަސް އަހަންނަށް މާޔާ ފެންނަންޏާ އޯކޭ. އެއްވެސް ޝަކުވާއެއްނެތް." އައިރިކް ބުންޏެވެ.

ފައިރޫޒު އިނީ ހައިރާންކަމެއްގައެވެ. މީ ދުވަހަކުވެސް އައިރިކް ފާޅުކޮށްފައިވާ ޝުޢޫރެއްނޫނެވެ. އެކްސިޑެންޓްގެ ފަހުން އޭނާގެ ލޮލަށް ނުފެންނަކަން އެނގުނުއިރު ވެސް އޭނާގެ މޫނުން އެފަދަ ކަންބޮޑުވުމެއް ފައިރޫޒު ނުދެކެއެވެ. އައިރިކްއަކީ ހިތްވަރުގަދަ ޒުވާނެއްގެ ގޮތުގައި ފައިރޫޒު ޤަބޫލުކުރަމުން އައީ އެހެންވެއެވެ. އެކަމަކު މިހާރު އެކުވެރިޔާގެ މޫނުގައިވަނީ ބަލިކަށިކަމެއްގެ އަސަރެވެ.

"ރިކް. އަހަރެންގެ ކައިރީ އެ އަންހެންކުއްޖާ ދައްކާފަ އެއީ މާޔާއޭ ބުނި ހަނދާންވޭތަ؟. އަހަރެން ޔަގީނުން ވެސް ހަނދާން އެބަހުރި. ރިކްގެ ލޮލަށް އޭރު ނުފެންނަކަން ވެސް އެނގޭ. ވިސްނާލަބަލަ... ރިކްއަށް މާޔާ އެނގެން ލޮލުގެ ފެނުން އެހާ މުހިންމުތަ؟. ގައިމު ވެސް އެ ދުވަހު އަހަރެންގެ މާޔާ ފެނިއްޖޭ ބުނީ ރިކްގެ ލޮލަށް ފެނިގެންނެއްނޫން. ލޮލަށް ނުފެންނަން ފެށީމަ އިންސާނާގެ އެހެން ހިއްސުތަކުގެ މަސައްކަތް ކުރުން އިތުރުވެގެންދާކަން އެނގެއެއްނު. އަހަންނަށް ހަމަ ޔަގީން މާޔާ ވަކިކުރާން އެނގުނު މީހަކަށް އަމިއްލަ ދަރިފުޅު ސިފަކުރުން ދަތިކަމަކަށްނުވާނޭކަން. މާޔާއަކީ ރަނގަޅު ކުއްޖެއް. އޭނާ ރިކްދެކެ ލޯބިވާކަން އެނގޭ. ކައިވެންޏަކީ ދެ މީހެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް. އެހެންވީމަ ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ރިކްއާއެކީ މާޔާ ހުންނާނެކަން ޔަގީން. ކޮބާ ރިކްގެ ކޮންފިޑެންސް... މާޔާއާ މެދު އޮތް ޓްރަސްޓް. ރިކްގެ ލޮލަށް ނުފެންނައިރު މާޔާގެ ހެލްޕް ރިކްއަށް ލިބުނެއްނު. މާޔޫސްވުމަކީ ރިކްގެ ސިފައެއްނޫން. އެހެންނޫނަސް އަދި ލޮލަށް އެބަ ފެނޭ. ޑަކްޓަރު ޔަގީންކަމާއެކު ނުބުނޭ ނުފެންނާނެއެކޭ. ހޯޕް އެބައޮތް." ފައިރޫޒު ބުންޏެވެ. މާނަވީ ގޮތަކަށް އައިރިކްގެ ތުންފަތް ދެމިލިއެވެ.

"ތޭންކްސް." ހިތުގައި އަޑިން އައިރިކް އިއްވާލިއެވެ. ކުޑަވަގުތުކޮޅަކަށް އޭނާ މާޔޫސްވެ ކަންބޮޑުވީއެވެ. ފައިރޫޒުގެ ވާހަކައިން އައިރިކްއަށް އިޙްސާސް ކުރެވުނު ބިރުވެރިކަމުގެ ހާސްކަން ފިލައިފިއެވެ. އެކުވެރިޔާ ހަނދާން އެކޮށްދިނީ ޚުދު އައިރިކް ބުނާ ވާހަކައެކެވެ. އޭނާގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އައިރިކްއަށް މާޔާ ނޯޅޭނެއެވެ.

* * * * *

ނުދަންނަ ނަންބަރަކުން ގުޅާތީ މަލަކް އިނީ ފޯނު ނުނަގާށެވެ. އެހެންވިޔަސް ހަތަރު މިސްކޯލަށްފަހު އޭނާއަށް އައީ މެސެޖެކެވެ. އޭގައި އޮތީ ކީކޭތޯ މަލަކް ބެލިއެވެ. މަލަކްއާމެދު މިއުވާނާއި ދައްޔާނު ކަންތައްކުރީ ކިހިނެއްކަން އެމީހަކަށް އެނގެއެވެ. އޭނާއަކީ މިއުވާނުގެ ހަޤީޤަތް އެނގޭ މީހެކެވެ. ބޭނުމަކީ މަލަކްއާ ވާހަކަދައްކާލުމެވެ. މާޔަލްއާއި އައިރިކްގެ ކައިވެނި ކުރެވެން އުޅޭކަމާއި އެކްސިޑެންޓްގެ ހަޤީޤަތް ވެސް އެމީހަކަށް އެނގެއެވެ. މެސެޖު ކިޔާފައި މަލަކް ވަގުތުން ގޮވީ މައިރާއާއި މާޔަލްއަށެވެ. ދައްތަމެންނަށް އޭނާގެ ފޯނަށް އައި މެސެޖު ދެއްކިއެވެ.

"ގުޅާފަ ސްޕީކަރަށްލާ" މާޔަލް ބުންޏެވެ.

ތިން އަންހެން ކުދީން ތިބީ މަލަކްގެ އެނދުގައެވެ. ދައްތަމެންގެ މެދުގައި މަލަކް އިނީ ފޯނު ހިފަހައްޓާލައިގެންނެވެ. އޭނާ އެ ނުދަންނަ ނަންބަރަށް ގުޅުމާއެކު ފޯނު ނެގިއެވެ. ވާހަކަދެއްކީ ފިރިހެނެއްކަން އަޑުން އެންމެންނަށް އެނގުނެވެ. އެ މީހާ ބޭނުންވީ މަލަކްއާ ބައްދަލުކުރާށެވެ. އެކަނި އަންނަން ޖެހިލުންވަންޏާ މަލަކްއަށް އިތުބާރު ކުރެވޭ ބަޔަކާއެކު އައުމަށް އޭނާ ބުންޏެވެ. އަދި ބައްދަލުކުރާން ބޭނުންވާ ތަނުގެ އެޑްރެހާއި ވަގުތު ފޯނުކޯލުގައި ހުރެފައި އޭނާ މެސެޖުކޮށްލައިފިއެވެ.

"ދާނަމޭ ބުނޭ." މައިރާ ސިއްރުން ބުންޏެވެ. އެއާއެކު އަޑު ދަށުން މަލަކް ބުނެލައިފިއެވެ. އެމީހާ ބޭކާރު ވާހަކަތަކެއް ނުދެއްކިއެވެ. ބައްދަލުވާނެކަމުގެ ޔަގީންކަން ލިބުމުން އޭނާ ފޯނުކޯލު ކަނޑާލީއެވެ.

"ސްކާލެޓް ގޮމަ ހޮޓެލް. ދޮންތިއަށް އެނގޭތަ؟." މަލަކްގެ ފޯނަށް ފަހުން އައި މެސެޖު ބަލަން އިނދެފައި މާޔަލް އަހާލިއެވެ.

"އައި ނޯ ދެޓް ޕްލޭސް." މަލަކް ބުނެލިއެވެ. މަލަކް ރަނގަޅަށް އެއީ ކޮންތަނެއްކަން ހަނދާން އެބަހުއްޓެވެ. އެ ހޮޓެލްގައި ހުންނަ ބޮޑު ރެސްޓޯރެންޓަށް އޭނާ ގެންދިޔަ މީހަކީ މިއުވާނެވެ. އެއީ ފުރަތަމަ ފަހަރަށް މިއުވާނާ ބައްދަލުކުރި ރެއެވެ. ދެރަވެފައި އިނދެ އެކަން ދައްތަމެންނަށް މަލަކް ކިޔާދިނެވެ.

"ޑޯންޓް ވޮރީ. މަލް އެކަންޏެއްނޫން. ރަޒާ ގޮވައިގެން ދާނީ. ފިރިހެނަކު ހުންނަންވާނެއެއްނު." މައިރާ ޚިޔާލު ފާޅުކުރިއެވެ.

"އޭނާއަށް އަހަންނާއި ރިކް ވެސް އެނގޭ. ރިކް ކައިރީ ބުނެފަ ދާންވާނީ." މާޔަލް ބޭނުންވާ ގޮތް ބުންޏެވެ.

އިރާކޮޅުގެ ވަގުތެވެ. އިޝާ ނަމާދުކޮށްގެން ތިންބެން ނުކުތީ މަންމަގެ ކޮޓަރިންނެވެ. ތިން އަންހެން ދަރީން އެއްބަސް ކިޔާފައި ބޭރަށް ދާން އުޅޭކަން އާމާލްއަށް އެނގުމާއެކު ހީކުރީ މާޔަލްގެ ކައިވެނީގެ ކުރީން މަޖާކޮށްލަން ކަމެއް ރާވާފައި އޮތީ ކަމަށެވެ. ދަނީ ކޮންތާކަށްކަން އެމީހުން މަންމައަށް ސިއްރެއް ނުކުރިއެވެ. ކިޔާނުދިނީ ހަމައެކަނި ދާ ބޭނުމެވެ. ރަޒާކަން އެކުދީން ގޮވައިގެން ދަނީ އެނގުމުން އާމާލްއާއި މަޒްހަރު ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ. ދަންވަންދެން ބޭރުގައި ނޫޅެން އާމާލް ބުންޏެވެ. ކާރުގެ ތަޅުދަނޑި ރަޒާގެ އަތަށް މަޒްހަރު ދިނީ އޭނާގެ ތިން އަންހެންދަރީން ކުރެ ކުއްޖަކު ކާރު ދުއްވަން ނޭދޭތީއެވެ. ހުރިހާކަމެއް ރަޒާއަށް އެނގޭކަން އެނގުނީމަ މަލަކް ވަރަށް ލަދުގަތެވެ. ނަމަވެސް ރަޒާގެ ފަރާތުން އެކަމެއް ނުދައްކައެވެ. އެހެންޏާ ވެސް މަލަކްއާ އޮންނަ ގުޅުމަށް ތަފާތެއް ނުގެނައިތާ މަލަކް ހެދުނު ގޯހުގެ ވާހަކައެއް ވެސް ނުދައްކައެވެ.

ކާރު ދުއްވަން އިނީ ރަޒާއެވެ. އޭނާގެ ކައިރީ ކުރީ ސީޓުގައި ދެން އިނީ އައިރިކްއެވެ. ތިން އަންހެން ކުދީން ތިބީ ފަހަތުގައެވެ. އެމީހުން އައިސް ހޮޓެލްގެ ޕާކިން ސަރަޙައްދުގައި ކާރު ބޭއްވުމަށްފަހު އައިސް ހޮޓެލަށް ވަނެވެ. އެންމެން ވެސް ތިބީ މަލަކްއާ ބައްދަލުކުރާން ބޭނުންވި މީހާ ދުށުމަށް ކެތްމަދުވެފައެވެ. ރެސްޓޯރެންޓު ހުރި ފަންގިފިލާއަށް ލިފްޓު ހުއްޓުމުން އެންމެން އެކުގައި ނުކުތެވެ. ރެސްޓޯރެންގް ދޮރުން އެތެރެއަށް ތިން އަންހެން ކުދީން ވަނެވެ. މޭޒުތަކަށް ނަޒަރު ހިންގާލިއެވެ. އެހިނދު ވެއިޓަރު އައިސް އެމީހުންގެ ކުރިމަތީ މަޑުކޮށްލިއެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވާ މޭޒުގެ ކައިރިއަށް ގެންދިޔައެވެ. ތަނުގެ އެންމެ އެތެރޭގައި ހުރި މޭޒެވެ.

އައިރިކްއާއި ރަޒާ އިށީނީ އެ މޭޒު ކައިރީ ހުސްކޮށްހުރި އެހެން މޭޒެއްގައެވެ. ތިން އަންހެންކުދީންނަށް ފާރަލައިގެން އެމީހުން ތިބީއެވެ. މޭޒުދޮށުގައި އިށީންތާ ގިނައިރެއްނުވެ ތިން އަންހެން ކުދީންނަށް ފިނި ބުއިމެއް ގެނެސްދީފިއެވެ. އެހެންނަމަވެސް އެކަކުވެސް ޖޫސްތަށީގައި އަތްލަން ބޭނުންނުވެފައި ތިބީއެވެ. ރެސްޓޯރެންޓު ތެރެއަށް ކަޅިއުކަމުން ދަނިކޮށް ކަޅުރަތްކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރި އިސްކޮޅުން ދިގު ޒުވާނަކު އެމީހުންނާ ދިމާއަށް އަންނާތީ ފެނިއްޖެއެވެ. ތިން އަންހެންކުދީންނަށް ހިންދިރުވާލެވުނީ އެކީގައެވެ.

"ހޫ އިޒް ހީ." މައިރާއާއި މާޔަލް އަހާލީ މަލަކްގެ ކައިރީގައެވެ.

"ނޭނގެ. ނުދެކެން މީގެ ކުރީން." މަލަކް ހައިރާންކަމާއެކު ބުންޏެވެ.

"ލޭޑީޒް..." ކޮށްލި ސަލާމެއް ފަދައިން ބޮލުން އިޝާރާތެއް ކޮށްލާފައި ޒޭވްޔާ އިށީނީ އެ ތިން އަންހެން ކުދީންގެ ކުރިމަތީގައެވެ.

"މަލަކް، މާ... މައިރާ. މާޔަލް... ރައިޓް." ޒޭވްޔާ ޝަހާދަތް އިނގިލި ކޮންމެ އަންހެންކުއްޖާ އަމާޒުކޮށްލާފައި ނަން ކިޔާލިއެވެ. އެމީހުން ޖަވާބެއްގެ ގޮތުގައި ބޯޖަހާލީއެވެ.

"ކީއްވެ އެމީހުން އެހެން މޭޒެއްގައި އެތިބީ. ބުނޭ މި މޭޒަށް އަންނަން." އައިރިކްއާއި ރަޒާއަށް އިޝާރާތްކޮށް ޒޭވްޔާ ބުންޏެވެ. އެއާއެކު ތިން އަންހެންކުދީންނަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. މި ނުދަންނަ ޒުވާނާއަށް އެނގެނީ ކިހާވަރަކަށްބާއޭ އެމީހުން ވެސް ސުވާލު އުފެދުނެވެ.

"ކީއްވެ މަލަކްއަށް ގުޅީ." މޭޒުދޮށުގައި ހަމަޖެހިލުމާއެކު ރަޒާ ސުވާލު ކުރިއެވެ. ބޭބެއެއްގެ ހައިސިއްޔަތުންނެވެ. ޒޭވިޔާގެ ނިޔަތް އެނގެން އޭނާ ބޭނުންވަނީއެވެ.

"ކޯލް މީ ޒޭވްޔާ..." ޒޭވްޔާގެ ވާހަކަ ފެށިއެވެ. އޭނާ އައިސް މޭޒުދޮށުގައި އިށީންނަމުން މޭޒުމަތީ ބޭއްވި ފޯނު ހުޅުވާލިއެވެ. އޭގައި މިއުވާނާ ގުޅިގެން ހޯދާފައިވާ މަޢުލޫމާތާއި ހެކި ހުއްޓެވެ. އޭނާ ބޭނުންވަނީ މަލަކްއަށް މިއުވާނަކީ ކާކުކަން އެނގެންކަން ހާމަކުރިއެވެ. އަދި މިއުވާނުގެ ހަޤީޤަތް އޭނާއަށް އެނގެން ފެށި ހިސާބުން ކިޔާދޭން ފެށިއެވެ. އޭނާ ދައްޔާނަށް އޮޅުންފިލުވާދިން ގޮތަށް މިއުވާނުގެ މަކަރުވެރިކަން ހާމަކުރިއެވެ. އެތައް އަންހެންކުދީންނެއް އޭނާގެ ޝިކާރައިގަ ޖެހިފައިކަންވަނީ ކިޔާދިނެވެ. ޚުދު އޭނާގެ އަމިއްލަ ކޮއްކޮ ވެސް މިއުވާނުގެ ދަލުގައި ޖެހުނުގޮތް ކިޔާދިނެވެ. އޭނާ މަލަކްއާ ބައްދަލުކުރި މަޤްޞަދަކީ މިއުވާނުގެ ހަޤީޤަތް ހާމަކުރުންކަން ޒޭވްޔާ ބުންޏެވެ. އެއްވެސް މީހަކު ބަހެއް ނުކިޔެވެ. ބުނާނީ ކީކޭކަމެއް ނޭނގުނީއެވެ. ޒޭވްޔާ ދެއްކީ އެތަނުން އެކަކުގެ ވިސްނުމަށް ވެސް ނުގެނެވޭ ފަދަ ވާހަކަތަކެކެވެ. އެހެންވިޔަސް ދުނިޔޭގައި ރަނގަޅު ހެޔޮލަފާ މީހުން އުޅޭހެން ނުލަފާ ޝައިޠާނުން ވެސް އުޅޭކަން އެންމެން ވެސް ދަނެއެވެ. މައިރާއާއި ރަޒާއަށް ވެސް ވަނީ ދުނިޔެ ފިލާވަޅެއް ދަސްކޮށްދީފައެވެ. ތިމާގެ އެންމެ ގާތުގައި ތިމާއަށް ނިކަން ހެޔޮހެދިގެން އުޅޭ މީހަކީ ތިމާގެ ގަޔަށް ވިހަލާނޭ ފުރުޞަތަކަށް ބަލަބަލާ ހުރި ހަރުފައަކަށް ވެދާނެއެވެ.

"އަހަރެން މަލަކްއާ އެކަނި ވާހަކަދައްކާލަން ބޭނުން. އޯކޭތަ." ޒޭވްޔާ ބުންޏެވެ.

މަލަކް ބޯޖަހާލިއެވެ. ދެން އޭނާ ބަލާލީ ދެފަރާތުގައި ތިބި ދައްތަމެންނަށެވެ. އެމީހުންގެ އިޒްނައެއް ހޯދާ ފަދައިންނެވެ. ކައިރީގަ ހުރި މޭޒަށް މަލަކްއާއެކީ ޒޭވްޔާ ބަދަލުވެލިއެވެ. އޭރު އޭނާގެ ޚަރަދުގައި ދޭ ކެއުމެއްގެ ގޮތުގައި ސުފުރާމަތި ކާތަށިތަކުން ވެއިޓަރުން އައިސް ފުރާލައިފިއެވެ.

ޒޭވްޔާ އަތް އުފުލާލައި ކޮށްލި އިޝާރާތާއެކު މަލަކް އެނބުރި ފަހަތަށް ބަލާލިއެވެ. އެއާއެކު އޭނާގެ ދެ ލޯ ބޮޑުވިއެވެ. ދައްޔާނު އަންނަތަން ފެނިފައެވެ.

"އޭނާ ކައިރީ އަންނަން ބުނީތަ." ނިކަން އަވަހަށް މަލަކްއަށް އަހާލެވުނެވެ.

"އާން. ތި ދެ މީހުންނާ ވާހަކަދައްކަން އަހަރެން ބޭނުންވާތީ." ޒޭވްޔާ ބުނެލިއެވެ. މަލަކް އިތުރު އެއްޗެއް ނުބުންޏެވެ. ދައްޔާނު އައުމާއެކު ޒޭވްޔާ ކައިރީ ހުރި ގޮނޑި ދައްކާލުމުން އެ ގޮނޑީގައި އޭނާ އިށީނދެއްޖެއެވެ.

"މަލަކްއާ އަހަރެން ސުވާލެއް ކޮށްލަން ބޭނުން. މިއުވާނުގެ ވާހަކަތަކަށް މަލަކް ހެއްލުނު ގޮތަށް އެހެންމީހުން ވެސް ހެއްލިދާނެކަން ޤަބޫލުކުރަންތަ؟." ޒޭވްޔާ ކުރީ ސުވާލެކެވެ. މަލަކް ޖަވާބެއް ދިނުމުގެ ކުރީން އެ ސުވާލަށް ވިސްނަން އިނެވެ.

"ހީ އިޒް އަ ސްމޫތް ޓޯކާ. ޝައްކެއް ވެސް ނުވޭ. އެހެން އޭނާ ހައްލާލި ފުރަތަމަ އަންހެންކުއްޖާއެއް ވެސް ނޫން އަހަންނަކީ... އެހެންވީމަ..." މަލަކްއަށް ބުނެވުނެވެ. އިރުކޮޅަކު ހިމޭންކަމުގައި އިނދެފައި ޒޭވްޔާގެ ސުވާލަށް އާނއެކޭ ބުންޏެވެ. އޭނާ ފަދައިން މިއުވާނުގެ ބަހަށް ކޮންމެ އަންހެންކުއްޖަކު ވެސް ހެއްލިދާނޭކަން މަލަކް ޤަބޫލުކުރެއެވެ.

"މިއުވާނުގެ ބަހަށް ހެއްލުނު މީހެއް މިވެސް. އެކަން ޤަބޫލުކުރެވޭތަ؟. މިއުވާނު އަމިއްލަ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލީ. އޭނާއަކީ އަމިއްލަ ނަފްސު ފިޔަވާ އެހެންމީހަކާ މެދު ވިސްނާ ފަދަ މީހެއްނޫން. ހީ ޔޫސްޑް ހިމް. މަލަކް ޓާގެޓަކަށް ހަދަން." ޒޭވްޔާގެ ވާހަކައާއެކު އޭނާ އިޝާރާތް ކުރީ ދައްޔާނަށެވެ. އެހިނދު މަލަކްގެ ނަޒަރު ދައްޔާނާ އަމާޒުވެލިއެވެ.

"މަލަކް ރަނގަޅަށް ވިސްނާފަ ބުނެބަލަ. މަލަކްއަށް ދެރައެއް ދިނީ ދައްޔާނުތަ؟." ޒޭވްޔާ އަހާލިއެވެ.

"އެކަމް..." މަލަކްއަށް ވާހަކަދައްކަން ދަތިވިއެވެ. ޒޭވްޔާގެ ވާހަކަތަކާ މެދު ވިސްނާ ފިކުރު ހިންގިވަރަކަށް ދައްޔާނުގެ ކުށެއްނެތޭ މަލަކްގެ ހިތް ބުނަންފެށިއެވެ.

"ހުރިހާކަމެއް ޕްލޭންކުރީ މިއުވާނު. ދައްޔާނަކީ އޭނާގެ އެ ޕްލޭންތައް ކާމިޔާބު ކުރުމަށް ގެންގުޅުނު ޕަޕެޓެއް. މަލަކްއަށް މިއުވާނުގެ ވާހަކަތައް ޤަބޫލުކުރެވުނުއިރު ދައްޔާނަށް އަދި މާ ފަސޭހައިން ޤަބޫލުކުރެވޭނެ ދޯ. އެއީ އޭނާގެ ބޭބެ ވިއްޔާ." ޒޭވްޔާ ބުންޏެވެ.

"މަލް. އައި އޭމް ސޮރީ. ސީރިއަސްކޮށް. ޕްލީޒް. އަހަންނަށް އަދި އެންމެ ފުރުޞަތެއް ދީ." ދައްޔާނު ކުއްލިއަކަށް ވާހަކަދެއްކިއެވެ. އެއްޗެކޭ ބުނަން ނޭނގި ދައްޔާނާ ހަތަރުކަޅި ހަމަކޮށްލައިގެން މަލަކްއަށް އިނދެވުނީއެވެ.

"ޑޯންޓް ޔޫ ތިންކް ހީ ޑިޒާވްއަ ސެކެންޑް ޗާންސް. ކުށެއްނުކުރެވޭ މީހަކު ދުނިޔޭގަ ވޭތަ. ޔޫ ބޯތް ނީޑް އަ ނިއު ބިގިނިން. ލޯބިވާ މީހުން ވަކިކުރާން އަހަންނަށް އެނގޭ. މަލަކްއާއި ދައްޔާނު ވެސް އެކަކުއަނެކަކުދެކެ ލޯބިވޭ. ތި ގުޅުމުގެ ތެރެއަށް ވަނީ މިއުވާނު." ޒޭވްޔާ ބުންޏެވެ.

"އައި ކާންޓް... މިވަގުތަކުނޫން." އުނދަގޫ ގޮތަކަށް މަލަކްއަށް ބުނެވުނެވެ.

"އިޓްސް އޯކޭ. އައި ވިލް ވެއިޓް. މަލްއަށް އުނދަގޫނުކޮށް އިންތިޒާރުކުރާނަން. ދެން އިރާދަކުރެއްވިއްޔާ މާނުބެގެ ކެއްސެއްގައި ނުޖެހޭނަން. އެހެންނޫނަސް މާނުބެ ވަނީ ޕޮލިހުން ހައްޔަރުކޮށްފައި. ޑްރަގްސް ކޭސްއެއްގައި. އެހެންވެ ފަހުން މަލްއަށް ޚަބަރެއްނުވީ." ދައްޔާނު ބުނެލިއެވެ. އެހިނދު އޭނާއަށް ބަލަން އިނދެ މަލަކްއަށް ތުންފިއްތާލެވުނެވެ.

"މަލަކްއަށް ވިސްނޭ އަންހެންކުއްޖެއް. ހަޔާތުގައި ލޯބިވާ މީހުން ލިބޭނީ ނަސީބުވެރީންނަށް. ޢާއިލާއެކީ ޑިނާ އިންޖޮއި ކޮށްލާ. އަހަރެން ބޭނުންވި ކަންތައް ވެއްޖެ." ޒޭވްޔާ މިހެންބުނެ ތެދުވިއެވެ. މާޔަލްއާއި އައިރިކްއަށް ކައިވެނީގެ ތަހުނިޔާ ކުރީބައިގަ ޒޭވްޔާ ކިޔެވެ. އަދި އޭނާ އެމީހުންނާ ވަކިވެގެންދިޔައީ ދައްޔާނު ގޮވައިގެންނެވެ.

* * * * *

ޖެހިގެން އައި ދުވަހު އެރި އިރާއެކު ގޭތެރޭގައި އެންމެން ހަރަކާތްތެރިވަމުން ދިޔައިރު އަޑުފަށްގަނޑު ވެސް ގަދައެވެ. މީހުން ވެސް ގިނައީއެވެ. ހެނދުނުގެ ނާސްތާ އޮތީ މާޔަލްއަށް ޚާއްޞަކުރެވިފައެވެ. ޓެރެސްގައި މާޔަލްއަށް ޓަކައި "ބްރައިޑަލް ޝަވަރ"އެއް ޢާއިލާއާއި އެކުވެރީން ވެގެން ރޭވީއެވެ. ހެނދުނުން ފެށިގެން ހަވީރު ވަންދެން އައިމީއާއި ޒިލްމާ އުޅުނީ މާޔަލްމެން ގޭގައެވެ. ޢާއިލާއާ އޮތް ގާތްކަމުގައި މާޔަލްގެ ކައިވެނީގެ ޙަފުލާއަށް އިވާންގެ ޢާއިލާއަށް ވެސް ވަނީ ދަޢުވަތު ދީފައެވެ. އެންމެން ހޭބޯނާރާ އުޅެނީ ކައިވެނީގެ ކަންތައްތަކަށް ތައްޔާރު ވުމުގައެވެ. ހެނދުނުއްސުރެ ކެމެރާތަކުން ފްލޭޝްގެ އަޑު ކަޑައިގެން ނުދެއެވެ. ކައިވެނީގެ ޚާއްޞަ ކުލައަކަށް ވެފައި އޮތީ "ޑަސްޓީ ބުލޫ"އެވެ. މިއަދު ގޭތެރެއިން ވެސް އެ ނޫން ކުލައެއް ނުފެނެއެވެ. ގޭތެރޭގައި ވެސް ފުއްޕާހަންތައް ކޮޅުކޮޅަށް އުދުހެނީއެވެ. ބްރައިޑްސްމެއިޑް ޖަހާފައިވާ ސޭޝްތަކާއި ބްރައިޑް ޓު ބީ ޖަހާފައިވާ ސޭޝްތައް އަޅައިގެން އަންހެންކުދީންތައް ހީނހީނފައި އުޅެއެވެ.

ކައިވެނީގެ ޙަފުލާ އޮތީ ހުޅުމާލޭގެ ބޮޑު ހޮޓަލެއްގައެވެ. އެތަނުގެ ހޯލުވަނީ ކައިވެންޏަށް ޓަކައި ތައްޔާރު ކުރެވިފައެވެ. ހަވީރު ފަހެއް ޖެހުމުން މާޔަލްއާއި އައިރިކްގެ ޢާއިލާ ބަދަލުވީ ހޮޓެލުން ހިފާފައިވާ ސުވީޓަށެވެ. ޙަފުލާއަށް އެންމެފަހުގެ ތައްޔާރުވުންތައް ކުރިޔަށް ދިޔައީ އެތަނުގައެވެ. މޭކަޕްކޮށްދިނުމާއި އިސްތަށިގަނޑު ސްޓައިލް ކުރުމަށް މާލޭގެ މަޝްހުރު ސެލޯންއަކުން ހަތަރު ކުދީން އައިސް އުޅެއެވެ. ޖެހިގެން ޖެހިގެން ހުރި ދެ ކޮޓަރި ނަގާފައި ވިޔަސް އައިރިކްއާއި މާޔަލްއަށް އެކަކުއަނެކަކު ފެނިލުމުގެ ނަސީބެއް އަދި ނުލިބެއެވެ. ގަސްދުގައި ޢާއިލާއާއި އެކުވެރީން އޭނާއާ އައިރިކް ދިމާވިޔަ ނުދޭން މަސައްކަތް ކުރާކަން މާޔަލް ދެނަހުއްޓެވެ.

ރޭގަނޑު އަށެއް ޖަހަންވީއިރު ކައިވެނި ކޮށްދޭ މީހުން އަތުވެއްޖެއެވެ. އައިރިކްގެ ޢާއިލާގެ ހުރިހާ މެންބަރުންގެ އިތުރުން ކައިވެނި ކުރެވޭ ވަގުތަށް ދަޢުވަތު ދީފައިވާ ޚާއްޞަ މެހެމާނުން ވެސް ހޯލުތެރޭގައި ތިއްބެވެ. އިސާކާއެކު މަޒްހަރު ހުރީ ކޯޓުން އައި ޤާޟީއާއި އެހީތެރިންގެ ކައިރީއެވެ.

"އެބާދޭ." ހޯލްތެރެއަށް ވަންނަމުން ޝަބްނަމް ބުނެލިއެވެ.

އެންމެންގެ ސަމާލުކަން ހޯލުގެ ދޮރާ ދިމާއަށް އަމާޒުވެލިއެވެ. އައިރިކްގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަތެވެ. ކޮންމެ ވިންދަކާއެކު މާޔާގެ ނަން އޭނާގެ ހިތް ކިޔާލިހެން ހީވިއެވެ. ބޭޤަރާރުކަމާއެކު ދޮރާދިމާއަށް ބަލަން ހުރެވުނީ ލޮލުގައިވާ ފުސްކަމާއެކީއެވެ. އެހެންވިޔަސް އެ ފުސްކަމުގެ ތެރެއިން ވެސް އޭނާގެ ހަޔާތުގެ އިރު އަރައިގެން އަންނާތީ ފެނިއްޖެއެވެ. އާމާލްގެ އަތުގައި ހިފާލައިގެން ހުރެ އެތެރެއަށް ވަން ހޫރެއް ފަދަ އޭނާގެ މާޔަލް ފެނި އައިރިކްގެ ދުނިޔެ ހުޅުދާންވެގެން އައި ފަދައެވެ. ލުއިލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

(ނުނިމޭ)