އަނިޔާ އަށް ފަހު ނޭމާ އެނބުރި އައި މެޗުގައި 4-1 އިން ދެކުނު ކޮރެއާ ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފި އެވެ.
ނޭމާ އަށް އަނިޔާވީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގަ އެވެ. އަނިޔާގެ ސަބަބުން ނޭމާ އަށް ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުގައި ނުކުޅެވެ އެވެ. އެކަމަކު ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާ އައީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެނބުރި އައިސް ރޭ ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ފުރަތަމަ ގޯލު ހަތް ވަނަ މިނެޓުގައި ޖެހީ ވިނީޝަސް ޖޫނިއާ އެވެ. އަރިމަތިން ރަފީނިއާ ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވިނީޝަސް ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ވައްދާލައިފަ އެވެ. މިއީ ވިނީޝަސްގެ ފުރަތަމަ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ.
ބްރެޒިލްގެ ދެވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން 13 ވަނަ މިނެޓުގައި ޖެހީ ނޭމާ އެވެ. މިއީ ރިޗާލިސަން އަށް ދެކުނު ކޮރެއާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ބްރެޒިލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައިފަ އެވެ. ތިންވަނަ ގޯލު 29 ވަނަ މިނެޓުގައި ރިޗާލިސަން ޖެހީ ތިއާގޯ ސިލްވާ ދިން ބޯޅައަކުންނެވެ. ހަތަރު ވަނަ ލަނޑު ވިނީޝަސްގެ އެހީތެރިކަމާ އެކު ޖެހީ ލޫކަސް ޕަކޭޓާ އެވެ.
ރޭގެ ގޯލާ އެކު ނޭމާ ބްރެޒިލަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 76 އަށް އެރީ އެވެ. ބްރެޒިލްގެ އެންމެ ގިނަ ލަނޑު ޖެހި ޕެލޭގެ ރެކޯޑާ ހަމަކުރަން ނޭމާ މިހާރު ބޭނުންވަނީ އެންމެ ގޯލެވެ. ރޭ ރިޗާލިސަންގެ ގޯލާ އެކު އޭނާ މިހާރު ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖަހައިފަ އެވެ. ބްރެޒިލަށް މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިދިނީ ރިޗާލިސަން އެވެ.
ދެވަނަ ހާފުގައި ދެކުނު ކޮރެއާ އިން ވަނީ ބްރެޒިލަށް ޕްރެޝަރުކޮށް ހަމަލާތައް ގިނަކޮށްފަ އެވެ. މި ހާފުގައި ދެކުނު ކޮރެއާގެ ހަމަލާތައް ހުއްޓުވުމުގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސެން ބެކާ މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި ދެކުނު ކޮރެއާގެ ހަމައެކަނި ގޯލު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕައިކް ސެއުން-ހޯ އެވެ. އޭރިޔާ ބޭރުން ޕައިކް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
ބްރެޒިލް ކުއާޓާ ފައިނަލުގައި ވާދަކުރާނީ ރޭ ޕެނަލްޓީ ޖަހައިގެން ޖަޕާން ބަލިކުރި ކްރޮއޭޝިއާއާ އެވެ. ކުއާޓާގައި ދެން ކުޅޭނީ ނެދަލެންޑްސް އާއި އާޖެންޓީނާ ވާދަކުރާ މެޗާއި އިންގްލެންޑާއި ފްރާންސް ވާދަކުރާ މެޗެވެ.
ވޯލްޑް ކަޕްގެ މިރޭ އަށެއް ޖަހާއިރު ކުޅޭ މެޗުގައި ސްޕެއިން އާއި މޮރޮކޯ ވާދަކުރާނެ އެވެ. ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.