ތިލަމާލެ ބްރިޖް

ބްރިޖް މަސައްކަތުގައި މޫދަށް ވެއްޓުނު ކެރޭން ނަގައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރަމުން ދަނިކޮށް ބިންދައިގެން ގޮސް މޫދަށް ވެއްޓުނު ކެރޭން ނަގައިފި އެވެ.

ބޫމް ފެއިލްވެ ކެރޭންގެ ބިންދައިގެން ދިޔަ ބައި މޫދަށް ވެއްޓުނީ އިއްޔެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މިއަދު ވިދާޅުވީ ކެރޭން ބިންދައިގެން ދިޔުމުގެ ސަބަބުން ޕްރޮޖެކްޓަށް އެއްވެސް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ ހުރިހާކަމެއްވެސް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ.

ކެރޭން ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ޖިނާން ވިދާޅުވި އެވެ.

ބްރިޖު މަސައްކަތުގައި ބޭނުންކުރި ކެރޭނެއް ބިންދައިންގެ ދިޔައިރު ބްރިޖު މަޝްރޫއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ވަނީ މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު އެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ބްރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އަށް ވަނީ ޖޫރިމަނާކޮށްފަ އެވެ.